ތައިލެންޑްގައި ކުރިއަށްދާ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ރާއްޖޭން ހޯދުމުން އެކަމުގައި ދިވެހީންނަށް މަރުހަބާ ކިޔާ ކަމަށް ކޯޗު ފާރޫކް ޒަކީރޯވް ބުނެފިއެވެ.
އުޒްބެކިސްތާންގެ ތަޖުރިބާކާރު ކޯޗު ފާރޫކާއެކު ރާއްޖޭން ފުރަތަމަ ފަހަރަށް ސަރަހައްދީ ފުޓްސަލް ޗެމްޕިއަންކަން ހޯދީ މިއަދުއެވެ. ތައިލެންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭން ޗެމްޕިއަންކަން ޔަގީންކުރީ މިއަދު ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓް ހަމަކޮށްފައިވާ އިރު، އެންމެ ގާތުން ވާދަކުރި ޕާކިސްތާން ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
އެމެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޒަކީރޯވް ބުނީ ޓާގެޓަށް ވާސިލުވީ ކުޅުންތެރިންނާއެކު ކުރެވުނު މަސައްކަތުން ކަމަށާއި އެކަމަށް ﷲ އަށް ހަމްދުކުރާ ކަމަށެވެ.
"އަހަންނަށް އިހުސާސް ކުރެވުނީ މި މުބާރާތަށް ކުޅުންތެރިން ނުކުތީ ސީދާ ތަށްޓަށްކަން. އެކަން ފުރަތަމަ ވަގުތުން ފެށިގެން ވެސް ފެނުނު. އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. ދެން މުބާރާތުގެ ކުރިން އަހަންނާއި ކުޅުންތެރިން ކަނޑައެޅިން ޓާގެޓެއް. އެއީ މުބާރާތް ކާމިޔާބުކުރުމަށް. އަލްހަމްދުﷲ އަހަރެމެންނަށް އެކަން ހާސިލުކުރެވިއްޖެ،" ޒަކީރޯވް ބުންޏެވެ.
ޒަކީރޯވް ބުނީ ކާމިޔާބީއަކީ ޗެލެންޖްތަކާ އެކު ކުރި މަސައްކަތެއްގެ ނަތީޖާ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށެވެ.
"ކުޅުންތެރިންނަށް މިއީ ފަސޭހަ ކާމިޔާބީއެއް ނޫން. ކުޅުންތެރިންނަށް ދިމާވި އެކިއެކި ޗެލެންޖްތަކެއް. އެ ޗެލެންޖްތަކާ އެކު ރަނގަޅު ކޭމްޕަކަށް ފުރުސަތު ލިބުމުން ރަނގަޅަށް އެޑެޕްޓް ވާން ރަނގަޅު ވަގުތެއް ލިބުނު. އަހަރެން މިހާރު މިހުރީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި ވަރަށް އުފާވެފައި. އަހަންނަށް އިހުސާސް ކުރެވޭ ރައްޔިތުން ދޭ ސަޕޯޓް. އަހަރެންގެ އުންމީދަކީ ފުޓްސަލް އަދިވެސް ރާއްޖޭގައި ކުރިއެރުން. ރައްޔިތުންނަށް ޝުކުރު އަދާކުރަން ބޭނުން. އަދި ރާއްޖެ ދާން ބޭނުންވަނީ ފަހު މެޗުންވެސް މޮޅުވެގެން،" ކޯޗު ޒަކީރޯވް ފާހަގަކުރިއެެވެ.
ރާއްޖޭން ސްރީ ލަންކާއާ ދެކޮޅަށް ޗެމްޕިއަނުންގެ ގޮތުގައި ކުޅޭ ފަހު މެޗު އޮންނާނީ 26 ވަނަ ދުވަހުއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް