ތައިލެންޑްގައި ކުރިއަށްދާ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ރާއްޖޭން ހޯދުމަކީ ތާރީހީ ކާމިޔާބީއެއް ކަމަށާއި އެކާމިޔާބީ ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ފާހަގަކުރައްވައިފިއެވެ.
ތައިލެންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭން ޗެމްޕިއަންކަން ޔަގީންކުރީ މިއަދު ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓް ހަމަކޮށްފައިވާ އިރު، އެންމެ ގާތުން ވާދަކުރި ޕާކިސްތާން ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
އެ ކާމިޔާބީއާ ގުޅޭ ގޮތުން ޕީއެސްއެމްއަށް ރާފިއު ވިދާޅުވީ ކާމިޔާބީގެ ފަހަތުގައި އަމިއްލަ ފަރާތްތަކުގެ އިތުރުން ހިތްވަރުގަދަ ކުޅުންތެރިންނާއި ޓީމުތަކެއްގެ މެނޭޖުމަންޓްތަކުގެ ހިއްސާ ބޮޑު ކަމަށެވެ.
"ރާއްޖޭގެ ފުޓުބޯޅަ، އެ ކުޅިވަރުގެ އިދާރާ ވަރަށް ބޮޑަށް މަޑުޖެހިފައި އޮތް ދަނޑިވަޅެއްގައި މިކަން ނަގަހައްޓައި، މި ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމުގައި އަމިއްލަ ފަރާތްތަކުން ކުރި މަސައްކަތްތައް ހަނދާން ކޮށްލަން ޖެހޭ. އެ ފަރާތްތަކުން އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ސަބަބަކީ ކުޅުންތެރިން ޕްރެކްޓިސްތަކާ މުބާރާތްތަކުން އެ ލިބުނު ފުރުސަތުތަކުގެ ސަބަބުން މިކަން މިވީ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ވެފައި އޮތް ކަމެއް ނޫން. މިއީ ވަރަށް ގިނަ ފަރާތްތަކަކުން އެކި ގޮތްގޮތުން، ސްޕޮންސާގެ އެހީތެރިކަމާވެސް އެކު އިންތިޒާމުކުރެވުނު މުބާރާތްތަކުގެ ސަބަބުން ހޯދުނު ކާމިޔާބީއެއް. އެ ޓީމުތަކުން ކުޅުންތެރިންނަށް ދިން ފުރުސަތުތަކުގެ އިތުުރުން އިންތިޒާމުކުރުމުގައި ވަރަށް ގިނަ ބަޔަކު ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްލަން ބޭނުން،" ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރު ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރާއްޖޭން ކުރިން ފުޓުބޯޅައިގައި ސަރަހައްދީ ޗެމްޕިއަންކަން ނެގި ނެގުމުން ފިލާވަޅު ނަގަން ޖެހޭ ކަމަށެވެ. އެގޮތުން ކާމިޔާބީ އަލުން ތަކުރާރު ކުރުމަށް އަހަރުތަކެއް ނަގަން ޖެހޭނެ ފަދަ ގޮތަކަށް ކަންކަން ދިޔުން އެއީ ވޭތުވެދިޔަ ތަނުން އިސްލާހުކުރަން ޖެހޭ ކަމެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިތަށި ދިފާއުކުރުމަށްޓަކައި ޕްރެކްޓިސް ކުރެވޭނެ ގޮތްތަކާއި، ކޯޗުންގެ އެހީ ހޯދޭނެ ގޮތްތަކެއް ބަލައި، ކުޅުންތެރިންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން ރަނގަޅު ވަސީލަތްތައް ގާއިމުކޮށްދެވޭނެ ގޮތްތައް ހޯދަން ޖެހޭ. މިއީ އަޅުގަނޑުމެންނަށް މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކުރަން ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެނީ. މީގެ ކުރިން 2008 ވަނަ އަހަރު ސާފް ތަށި ނެގުނު ފުޓުބޯޅައިން، ދެން ދެވަނަ ތަށްޓަށް 10 އަހަރު މަޑުކުރަން ޖެހުނު. އެކަމުން ލިބުނު ފިލާވަޅުން އަޅުގަނޑުމެން ޖެހޭ ކާމިޔާބީގައި އެއަށްވުރެ ބޮޑަށް ދެމިތިބޭނެ ގޮތެއް ހޯދަން،" ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރަން ވަނައެއް ހޯދުމުން އެނގިގެން ދިޔައީ ފުޓްސަލްގެ ވަސީލަތްތަކަށް ދޭން ޖެހޭ ސަމާލުކަން ކަމަށެވެ.
"ރަން ވަނައެއް ލިބުމަކީ، އެކަން ދިފާއުކުރުމަށްޓަކައި ކުރަން ޖެހޭނެ މަސައްކަތްތައް ގިނަ ކަމެއް. އޭގެ ތެރޭގައި ފުޓްސަލް ކުޅޭނެ ރަނގަޅު މާހައުލެއް، ރަނގަޅު ވަސީލަތްތަކެއް، އާއްމު ބަހުން ބުނާނަމަ އިންޑޯއެއް ފުޓްސަލްގެ ތަމްރީނުތަކަށް އޮތުމަކީ ފުޓްސަލް ކުޅޭ ހުރިހާ ކުދިންވެސް ދެކެމުން ދިޔަ ހުވަފެނެއް. މިހާރު މި ޖެހެނީ އެކަން ކުރިއަށްވުރެ އަވަސްކޮށް، މިކަންކޮށް އެ ފައިދާ ކުޅުންތެރިންނަށް ހޯދައިދޭން،" މިނިސްޓަރު ރާފިއު ފާހަގަކުރެއްވިއެވެ.
އިންޑޯއެއްގެ މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހި މަގުތަކެއް ކޮށްޓަވައި ދެއްވާފައިވާ ކަމަށާއި އެފްއޭއެމްއާ ގުޅިގެން އިންޑޯއެއްގެ މަސައްކަތް އަވަސްކުރަން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުޙައްމަދު ޝަމްޢޫން
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު