ތައިލެންޑްގައި ކުރިއަށްދާ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ރާއްޖޭން ޔަގީން ކުރެވުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށް ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނެފިއެވެ.

މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭން ޗެމްޕިއަންކަން ޔަގީންކުރީ މިއަދު ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓް ހަމަކޮށްފައިވާ އިރު، އެންމެ ގާތުން ވާދަކުރި ޕާކިސްތާން ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.

މިފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވި އިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވިއެވެ. އަދި އޭގެފަހުން އިންޑިއާ 5-0 އިން ބަލިކޮށް، ނޭޕާލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށްފަހު ކެޕްޓަން އިންމި ބުނީ ފެނިގެން ދިޔައީ ބުރަ މަސައްކަތެއް ކަމަށާއި، ހުރިހާ ކުޅުންތެރިންނަށްވެސް ކުރެވެނީ އާދަޔާހިލާފު އުފާވެރިކަމެއް ކަމަށެވެ.

"އަލްހަމްދުﷲ. މޮޅާއެކު ތަށި ޔަގީންކުރުވުމަކީ ވަރަށް އުފާވާ ކަމެއް. މިއީ އާދަޔާހިލާފު އުފާވެރިކަމެއް. އަހަރެމެން ހުރިހާ ކުޅުންތެރިންނަށްވެސް މިއީ ހުވަފެނެއް ހަގީގަތަކަށްވުން. އަބަދުވެސް ދެކެމުން އައި ހުވަފެނެއް މިއީ. މިކަމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު. ފުރަތަމަ ދުވަހުން ފެށިގެންވެސް. މިއީ ބުނެދޭން ނޭނގޭ އިހުސާސެއް،" އިންމި ބުންޏެވެ.

އިންމިއަކީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ތަފާތު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޓީމު ލީޑު ކުރުމުގައި ނަމޫނާ ރޯލެއް އަދާކޮށްފައެވެ. އޭގެ އިތުރުން މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލް ޖަހާފައިވެއެވެ.