ތައިލެންޑްގައި ކުރިއަށްދާ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ރާއްޖޭން ޔަގީން ކުރުމަކީ ތާރީހީ ފަހުރެއް ކަމަށާއި ޓީމުން ދެއްކި ހިތްވަރަކީ ނަމޫނާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭން ޗެމްޕިއަންކަން ޔަގީންކުރީ މިއަދު ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓް ހަމަކޮށްފައިވާ އިރު، އެންމެ ގާތުން ވާދަކުރި ޕާކިސްތާން ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
މިފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވި އިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވިއެވެ. އަދި އޭގެފަހުން އިންޑިއާ 5-0 އިން ބަލިކޮށް، ނޭޕާލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް މުބާރާތުގައި ކުޅުނު ކުޅުމަށް މަރުހަބާ ދަންނަވަމުން ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ގައުމުގެ މުސްތަގުބަލަށް އުޖާލާކަމެއް ކަމަށެވެ.
"ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރީން މިހޯދި ބޮޑު ކާމިޔާބީގެ އުފަލުގައި މާތްﷲގެ ހަޒްރަތަށް ހަމްދު ކުރުން އިސްކުރަން. ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ގައުމުގެ މުސްތަގުބަލަށް އުޖާލާކަމެއް. ވަކީން ހާއްސަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަގުވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީހީ ފަހުރެއް. މިއީ ގައުމީ ރޫހާއި އަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް. ގައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރަން،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް ބާކީ އަދި އެއް މެޗު އޮންނާނެއެވެ. އެ މެޗުގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ލަންކާއާ ދެކޮޅަށް ނުކުންނާނީ ޗެމްޕިއަނުންގެ ގޮތުގައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް