ތައިލެންޑްގައި ކުރިއަށްދާ ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދިވެހި ރާއްޖޭން ޔަގީން ކޮށްފިއެވެ.
މުބާރާތް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭން ޗެމްޕިއަންކަން ޔަގީންކުރީ މިއަދު ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓް ހަމަކޮށްފައިވާ އިރު، އެންމެ ގާތުން ވާދަކުރި ޕާކިސްތާން ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
މިފަހަރުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވި އިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވިއެވެ. އަދި އޭގެފަހުން އިންޑިއާ 5-0 އިން ބަލިކޮށް، ނޭޕާލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިއަދު މެޗުގެ މޮޅަކާއެކު ތަށި ޔަގީންކުރަން ރާއްޖެއަށް އޮތް ފުރުސަތުގެ ބޭނުން ކުރުމަށް ކުރީކޮޅުގައި ވެސް ކުޅެފައި ވަނީ އެއްކޮށް ކުރިއަށް ޕްރެސް ކޮށްލައިގެންނެވެ. ފަށައިގެން ފަސް ވަރަކަށް މިނެޓުގައި ވެސް ރާއްޖޭން ރަނގަޅު އެޓޭކްތަކެއް ކޮށް، ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް، ކައުންޓާގައި ލީޑު ނެގީ ބޫޓާނުންނެވެ.
ބޫޓާނުގެ ޖިގްމޭ ޝުލްތުރީމް ޖެހި ގޯލުން ބޫޓާން ލީޑު ނެގި އިރު، އޭގެފަހުންވެސް ފުލުފުލުގައި ނުރަައްކާ ކުރީ ރާއްޖޭންނެވެ. ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ހަމަލާތައް ފެނުނި އިރު، ރާއްޖެއަށް އެއްވަރުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖޭއްނެ)އެވެ.
އެ ގޯލާއެކު ރާއްޖޭން ހިތްވަރު ހޯދައި ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފަށް ރާއްޖެ ނުކުތީ ބޮޑު ޔަގީންކަމަކާ އެކުގައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭން މެޗު އަނބުރާލިއެވެ. ހާފުގެ ކުރީކޮޅުގައި އަހުމަދު ހަމީދު (އަންމަޑޭ) ގެ ހިތްގައިމު ގޯލެއް ފެނުނު އިރު، އޭގެފަހުން ރާއްޖެއަށް ތަށި ޔަގީންކޮށްދިނީ އިންމިގެ ގޯލަކުންނެވެ.
އޭގެފަހުންވެސް ޖޭއްނެގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ދިޔަ ނަމަވެސް، އިތުރު ގޯލެއް މެޗުގައި ފެނިގެން ނުދިޔައެވެ.
ރާއްޖެއަށް ބާކީ އަދި އެއް މެޗު އޮންނާނެއެވެ. އެ މެޗުގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ލަންކާއާ ދެކޮޅަށް ނުކުންނާނީ ޗެމްޕިއަނުންގެ ގޮތުގައެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް