ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރަކީ ފުޓްސަލް ކަމާމެދު އެއްވެސް ރައްޔިތަކު މިއަދު ދެބަހެއް ނުވާނެއެވެ. އެ ކުޅިވަރަށް އޮތް ލޯތްބާއި ފޯރި ރާއްޖޭގައި އިންތިހާއަށް ގަދައެވެ. ދިވެހީންނަށް ނިކަން ޝައުގުވެރި ކުޅިވަރެއްވެސް މެއެވެ. އެކަށީގެންވާ ވަސީލަތްތަކެއް ނެތިވެސް، ވުޒާރާތަކާއި ބެލެނިވެރި ފަރާތެއްގެ މާ ބޮޑު އަޅައިލުމެއް ނެތިވެސް، ފުޓްސަލް އޮތީ ރާއްޖޭގެ އެންމެ އުހުގައެވެ. އެކަން އެހެން ވެގެންދިޔަ ސަބަބުތައްވެސް އެބަހުއްޓެވެ. މުބާރާތްތަކުގެ ފޯރި ގަދަވެ، ވާދަވެރިކަން އިތުރުވުމެވެ. ކުޅިވަރަށް ރާއްޖޭގައި އޮތް ވާދަވެރި މާހައުލެވެ.
އެއީ ސިޔާސަތުތަކުގެ ވާހަކައާއި ތަރައްގީގެ ޕްލޭންތަކުގެ ވާހަކައެވެ. އެ ހުރިހާ ވާހަކައެއް އެއް ފަރާތްކޮށް، ރާއްޖެ މިއަދު އޮތީ ތާރީހު ލިޔެލަން އިންތިޒާރެއްގައެވެ. ސާފް ސަރަހައްދުތަކަށް ބާއްވަމުން އަންނަ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކުރުމަށް ރާއްޖެ އޮތީ ފިޔަވަޅެއްހައި ގާތުގައެވެ. އުންމީދުން ފުރިފައި އޮތް ޓީމަށް މިހާރު ބޭނުން ވަނީ ބޫޓާން ބަލިކުރުމެވެ. ލީގު ފޯމެޓަށް ކުޅެމުން އަންނަ މުބާރާތުގައި ޕާކިސްތާނަށް ޕޮއިންޓް ގެއްލިގެންވެސް ރާއްޖެއަށް ތަށި ޔަގީންވާ ހިސާބަށް ގޮސްފައި އޮތް އިރު، އެ ހާލަތަށް ނުދިޔަސް ރާއްޖެ އޮތީ ފުރިހަމަ ޔަގީންކަމަކާ އެކުގައެވެ. ދިވެހި ރާއްޖެއަށް ތަށި އައުން އޮތީ ނިކަން ގާތުގައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ދާން ރާއްޖޭން ރަނގަޅަށް ތައްޔާރުވިއެވެ. ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. އަދި އޭގެފަހުން އިންޑިއާ 5-0 އިން ބަލިކޮށް، އެންމެފަހުން ނޭޕާލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ސަރަހައްދީ ފުޓްސަލްގައި ބޮޑު މެސެޖެއް ދީފިއެވެ. ވަސީލަތްތަކަކީ ހުއްޖަތަކަށް ނަހަދައެވެ.
ތައްޔާރީތައް ރަނގަޅު
ސާފްގެ ފުރަތަމަ ފުޓްސަލް ތަށި ކާމިޔާބުކުރުމަށް ރާއްޖޭގެ ތައްޔާރީތައް ރަނގަޅުވުމަކީ ނަތީޖާތަކަށް އެޅުނު އެންމެ ބޮޑު އެއް ފިޔަވަޅެވެ. ސްކޮޑު ނެގުމާއި ތަމްރީނުތައް ކުރިއަށް ގެންދަން އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު، ފާރޫކް ޒަކިރޯވްއާ ޓީމު ހަވާލުކުރުން އެއީ އެންމެ ރަނގަޅު އެއް ފިޔަވަޅެވެ. އެހިސާބުން ރާއްޖޭން އުންމީދަކާއެކު ފަށައި، ޗައިނާގައި 10 ދުވަހުގެ ތަމްރީނު ކޭމްޕެއް ފުރިހަމަ ކުރިއެވެ. އެއީ ހަގީގަތުގައި ޓީމަށް ލިބުނު ބޮޑު ކުރިއެރުމެވެ. އެގައުމުގެ ވާދަވެރި، އެކުވެރިކަމުގެ މެޗުތަކެއް ކުޅެ، މުބާރާތަށް ނުކުތީ ހުރިހާ ހާލަތަކަށް ތައްޔާރުވެގެން ކަމަށް ކޯޗު ޒަކިރޯވް ވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.
ރާއްޖޭގެ މުބާރާތްތަކުން ލިބިފައިވާ ތަޖަރިބާއަށް އިތުރު ކުރިއެރުމެއް ގެނުވީ އިންޑީ ވަސީލަތެއްގައި ރަނގަޅު ތަމްރީނުތަކެއް ފުރިހަމަ ކުރެވުމުންނެވެ. އެހެންކަމުން ތައްޔާރީތަކުގައި ރާއްޖޭން ރަނގަޅު ފިޔަވަޅުތަކެއް އެޅިއެވެ.
ތާރީހީ ތަށްޓަށް ދިވެހީންގެ އުންމީދު، ހިދުމަތްތެރިންނަށް ހިތްހަމަ ޖެހުމެއް
"އެކި ކަންކޮޅުތަކުން ދިވެހި ޓީމާއެކު އޮތްކަމުގެ ޝުއޫރުތައް އެބަ ފާޅުކުރަމުންދޭ. މުޅި ރާއްޖޭގެ ނޫސްތަކުގައި، މީޑިއާގައި، ސޯޝަލްމީޑިއާގައި މިއޮތީ އެވާހަކަ. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ ދިވެހިންގެ އުއްމީދުތައް ހުރިވަރު. ދިވެހި ކުޅުންތެރިންވީ ތިގޮތުގައި، ތި ސާބިތުކަންމަތީގައި ތަށި ހިފައިގެން ރާއްޖެ އަންނަން. އަޅުގަނޑުމެން މި ތިބީ ހޫނު މަރުހަބާއެއް ގައުމީ ޓީމަށް ކިޔަން ތައްޔާރަށް. ދިވެހި ރައްޔިތުން އެ ތިބީ އެކަމަށް ކެތްމަދުވެފައި."
އިއްޔެ ޕީއެސްއެމްއަށް ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެފައިވެއެވެ.
ނައިބު ރައީސް އެ ވިދާޅުވީ ރަނގަޅަށެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނީ ތަށްޓަށް އެދެމުންނެވެ. ޓީމަށް ހިތްވަރު ދެމުންނެވެ. ދިވެހި ޓީމަށް އޭގެ ހެޔޮ އަސަރު ކުރާނެކަމާމެދު ޝައްކެއް ނެތެވެ.
ފުޓްސަލްގެ ވާދަވެރިކަން ރާއްޖޭގައި އުފެއްދީ އަމިއްލަ އެތައް ބައެއް މުބާރާތްތަކަކުންނެވެ. އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. ފުޓްސަލްއަކީ ޕްރޮފެޝަނަލް ކުޅިވަރަކަށް، ރާއްޖޭގައި އުންމީދެއް އޮތް ކުޅިވަރަކަށް ހެދީ ބޮޑެތި މުބާރާތްތަކެއްގެވެސް ސަބަބުންނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖާއި ކްލަބު މޯލްޑިވްސްގެ އިތުރުން އަތޮޅު ތެރޭގައި ބާއްވާ އިންތިޒާމުތައް ރަނގަޅު، އަގު ހުރި މުބާރާތްތަކަކީ ފުޓްސަލްއަށް ގެނައި ބަދަލުގެ މައި ތަނބުތަކެވެ. މިއަދު ތަށްޓަކަށް ރާއްޖެ ކުރަމުން އަންނަ މަސައްކަތުގައި އެންމެ އުފާވާނެ ބަޔަކީވެސް އެއީއެވެ.
"ހަގީގަތުގައި ރާއްޖޭން ހޯދަމުން އަންނަ ކާމިޔާބީގައި އެންމެ ބޮޑަށް އުފާވާނެ އެކަކީ އަޅުގަނޑު ކަމަށްވާނެ. އަޅުގަނޑު މިއަދާ ހަމައަށް ވަރަށް ބުރަ މަސައްކަތް ކުރިން ފުޓްސަލްގެ ކުރިއެރުމަށް. އަޅުގަނޑުގެ އުންމީދަކީ އިރާދަކުރެއްވިއްޔާ ގައުމީ ޓީމު ތަށްޓާއެކު ރާއްޖެ އައުން. އަޅުގަނޑު ކުރިން 2015، 2016 ހިސާބުގައި އިންޓަވިއުތަކުގައި ފާހަގަކުރިން ރާއްޖޭގެ އޭރު ފުޓްސަލް ކުޅުންތެރިންގެ ހުނަރާއި ޑިސިޕްލިނަށް ބަލާފަ މި ސަރަހައްދުގައި ރާއްޖެ ކުރިއަރަމުންދާކަން. އަދި ބޭނުންވާ ވަސީލަތްތަކާއެކު އެ މަގާމުގައި ރާއްޖެ ދެމިތިބޭނެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކުޅޭ ކުޅިވަރަކީ ފުޓްސަލް،" ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ ޕީއެސްއެމްއަށް ވިދާޅުވިއެވެ.
ރިލުވާން ވިދާޅުވީ ކުޅުންތެރިންގެ ބުރަ މަސައްކަތް ފެންނަ ކަމަށާއި، އެ މަސައްކަތަށް ސާބަސް ދެއްވާ ކަމަށެވެ.
ރިލުވާން ވިދާޅުވި ވާހަކަ ބައެއް ކޯޗުންވެސް ވަނީ ފާހަގަކޮށްފައެވެ. ހަގީގަތުގައި އެ އަސަރު ޓީމަށް ކުރަމުންދާކަން ވަރަށް ބޮޑަށް ސާފެވެ. ރާއްޖޭގެ ފުޓްސަލް އަށް އޮތީ ފަހި މުސްތަގުބަލެއްކަން ސާބިތުކޮށްދިނީ ކުޅުންތެރިންގެ ބުރަ މަސައްކަތެވެ.
ވަސީލަތްތައް ތަރައްގީ ކުރެވޭނެ: މިނިސްޓަރު
ތައިލެންޑްގައި ހުންނަވައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ރާއްޖޭގެ ފުޓްސަލްއަށް އެންމެ ބޭނުންވާ ކަމަކީ އިންޑޯއެއް ގާއިމުކުރުން ކަމަށާއި، އެކަމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. މީގެ ކުރިންވެސް އެ ވައުދަކީ އޮތް ވައުދެއް ނަމަވެސް، އަދި އަމަލީ ސިފަ ނުފެނުމަކީ ކުޅުންތެރިންނާއި ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކަށް އޮތް މާޔޫސްކަމަކަށްވާ އިރު، އެ މަސައްކަތުގައި ބާރަށް ކުރިއަށް ދިޔުމަށް ނަތީޖާތައް ބުނެދޭ ވާހަކައެއް އެބައޮތެވެ.
މިނިސްޓަރު ވިދާޅުވީ ސާފްގެ އިސް ފަރާތްތަކާ ބައްދަލުވެ، ސާފުންވެސް ރާއްޖެއަށް އެކަމުގައި އެހީތެރިވެދޭނެކަން ފާހަގަކޮށްފައިވާ ކަމަށެވެ.
ހަގީގަތުގައި ރާއްޖޭގެ ފުޓްސަލްއަށް މިއަދު އޮތީ އުންމީދެކެވެ. ރާއްޖޭގެ ކުޅުންތެރިންގެ ބުރަ މަސައްކަތުން މިއަދު އޮތީ ކާމިޔާބީއާ ވަރަށް ގާތުގައެވެ. މުޅި ދިވެހި ރާއްޖޭގެ އުންމީދުތައް އޮތީ ޓީމާ ގުޅިފައެވެ. އިރާދަކުރެއްވިއްޔާ ރާއްޖެއިން މިއަދު ތާރީހު ލިޔެލާނެއެވެ. އެއީ މުޅި ރާއްޖޭގެ އަޑެވެ. ހުރިހާ ދިވެހީންގެ އުއްމީދެވެ.
ރާއްޖެ އަދި ބޫޓާން ވާދަކުރާ މެޗު އޮންނާނީ މިއަދު މެންދުރުފަހު 3:00 ގައި، ތައިލެންޑުގައެވެ.
މުޙައްމަދު ޝަމްޢޫން
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް