ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހަތަރު މީހަކު މާލޭން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސިޕޮން އަލީ (21) އާއި ޖުވެލް ރަނާ (32އ) އާއި އެމްޑީ ނަޒްރުލް އިސްލާމް (20) އާއި އެމްޑީ އިބްރާހީމް (22އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައިފާސްކުރި އިރު، 54 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން، އެ މީހުން ގެންގުޅުނު ސައިކަލު ޓޯކޮށްފައިވާ ކަމަށެވެ.

އެ ހަތަރު މީހުން ވެސް މިހާރު ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.