ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ނޭޕާލްވެސް ބަލިކޮށްފިއެވެ.

ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭން ނޭޕާލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާ އިރު، ދެން ބާކީ އޮތީ ދެމެޗެވެ.

ޕާކިސްތާން، އިންޑިއާގެ އިތުރުން ބަންގްލަދޭޝްއާއި ނޭޕާލް ކައިރިންވެސް ރާއްޖެ މޮޅުވެފައިވާ އިރު، ދެން ބާކީ އޮތީ ސްރީ ލަންކާއާއި ބޫޓާން ވާދަކުރާ މެޗެވެ. ހަތަރު މެޗުން 12 ޕޮއިންޓް ރާއްޖެއަށް ލިބިފައިވާ އިރު، މިއަދު ދެން އޮތް މެޗުން ބަންގްލަދޭޝް އާއި ޕާކިސްތާން އެއްވަރުވެއްޖެނަމަވެސް ރާއްޖެއަށް ބާކީ ދެމެޗު އޮއްވާ، ޗެމްޕިއަންކަން ލިބޭނެއެވެ. ރާއްޖެއާ ތަށްޓަށް ވާދަކުރާ ޓީމަކީ ޕާކިސްތާނެވެ. ރާއްޖެއަށް ކުރިއަށް އޮތް ދެމެޗުން ދެ ޕޮއިންޓާއެކުވެސް ތަށި ޔަގީން ކުރެވޭނެއެވެ. އެއީ ދެން ހުރި މެޗުތަކުގެ ނަތީޖާއަށް އެއްވެސް ގޮތަކަށް ބަރޯސާ ނުވެއެވެ.

ފުރަތަަމަ ހާފުގައި ރާއްޖެއަށް ގޯލް ނުޖެހުނު ނަމަވެސް، ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ދަނޑިއަށްވެސް ރާއްޖޭގެ ހަމަލާއެއް އަމާޒުވެފައިވާ އިރު، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި އަލީ ޝިޔާހު (ޝިޔަޅޭ)ގެ ހަމަލާތައްވެސް ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ގޯލާއެކު ރާއްޖޭން ލީޑު ނެގި ނަމަވެސް، އޭގެ އިރުކޮޅެއްފަހުން ނޭޕާލުން އެއްވަރުކުރިއެވެ. ނޭޕާލުން އެއްވަރުކުރި ގޯލް ޖަހައިދިނީ ބިކްރާންތު ނާސިނެވެ.

އެއްވަރުވުމާއެކު ނޭޕާލުން ކޮންމެވެސް ވަރަކަށް ރާއްޖެއަށް ނުރައްކާ ކުރި ނަމަވެސް، 13 ވަނަ މިނިޓްގައި، ނޭޕާލުގެ އަމިތު ލާމާ، ޝާއްޕެއަށް ކުރި ފައުލަކަށް އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ. އެ ރަތް ކާޑާއެކު ރަނގަޅު ހިސާބަކުން ރާއްޖެއަށް ޖެހުން ލިބިފައިވާ އިރު، އެ ޖެހުމުގައި ބޯޅަ ގޯލަށް ވައްދާލީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.