މި ރަމަޟާންމަހު މާލެ ސަރަހައްދުގައި 37 ދިވެހި ހާފިޒަކު އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ޝައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިނިސްޓަރު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭގެ ތެރެއިން ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާނެ ހާފިޒުން ކަމަށެވެ.

"މިފަހަރު ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ހަތީބުންނަށް ހުތުބާ ކިޔަން ފުރުސަތު ދެވިގެންދާނެ. އިސްލާމީ މަރުކާޒާއި ސަލްމާން ސެންޓަރުގައި އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުން. ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ، އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުސަތު ފަހިކޮށްފައިވާނެ،" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ އެފަދަ ޖަމާއަތްތަކަށް ގިނަ މީހުން އެއްވާތީ ކަމަށާއި އާންމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްތާން އާދިލް މިސްކިތް (ގަލޮޅު ދަނޑު ކުރިމަތި)، މިފަހަރު ކުރާނީ ދިގުކޮށް ހިފްޒުކޮށް ކަމަށެވެ. އަދި ބަރުބަރީ މިސްކިތުގައި ކުރާނީ ކުރުކޮށް ކަމަށެވެ.

އެގޮތަށް ނިންމީ އާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާއަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ ރައްޔިތުންނާއި ވެހިކަލްތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ 2027 ގައި މާލެ ސަރަހައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހައި ހާފިޒުންނަކީ ދިވެހިންނަށް ވޭތޯ މަސައްކަތްކުރުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަހަރު ވެސް ގިނަ އަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ. މިފަހަރު މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރާ ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ ޒުވާން ހަތީބުން ހިމެނޭނެ. މާލެ ސަރަހައްދުގައި ހުންނަނީ 47 މިސްކިތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު މިނިސްޓަރު މީޑީއާތަކަށް ވިދާޅުވެފައިވަނީ މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒަކު ދަސްވެނިވާނެ ކަމަށާއި އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި ފަސް އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އެރުވުން ކަމަށެވެ.

މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށްވުރެ ގިނަ ފަރާތްތަކުން ގުރުއާން ހިތު ދަސްކުރަމުން ގެންދާ ކަމަށާއި މިއީ ތާރީހީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމަށެވެ. އަދި ރޯދަމަހުގެ ކުރިން ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 300 އަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ސަރުކާރުން ދޭ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކުރަން ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ ޖޫން 24 ގައި ނިންމައިފައެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ، ހާފިޒުން ތަމްރީނުކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް 27 ގެ ނިޔަލަށް ސަނަދު ހާސިލުކޮށް ދަސްވެނިވި 24 ހާފިޒުންގެ ތެރެއިން 22 ހާފިޒުންނަކީ އުމުރުން 18 އަހަރުން ދަށުގެ ހާފިޒުންނެވެ. އޭގެ ތެރެއިން ގިނަ ހާފިޒުންނަކީ މިދިޔަ އަހަރުގެ ރަމަޟާން މަހުގައި އެކި މިސްކިތްތަކުގެ ތަރާވީސް ނަމާދުގެ އިމާމުންނެވެ.