އެސްޓާސް ޕްރައިވެޓް ލިމިޓެޑުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އަށް ފޯރުކޮށްދީފައިވާ މުދަލަށް ދަައްކަން ޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކައި ހަލާސްކުރުމަށް ސިވިލް ކޯޓުން ވެމްކޯގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ، ވެމްކޯއަށް ފޯރުކޮށްދިން މުދަލަށް އިންވޮއިސް ކުރި ހަތަރު ލައްކަ ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައިނުވާ ކަމަށްބުނެ އެ ފައިސާ އާއި އެ ފައިސާ ނުދައްކާ ލަސްވުމުން ދައްކަންޖެހޭ ފައިސާ އާއި ފައިސާ ނުދައްކާ ލަސްކުރާ ދުވަސްތަކަށް އަރާފައިވާ ފައިސާގެ މިންވަރާއި ޝަރީއަތުގެ ހަރަދު ވެމްކޯއިން ހޯދުމަށް، ވެމްކޯގެ މައްޗަށް ސިވިލް ކޯޓުގައި އެސްޓާސްއިން ކުރި ދައުވާއެކެވެ.

މި މައްސަލައިގައި ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. އެހެންކަމުން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ދެ ފަރާތުން އެދިފައިވާތީ އެ ފުރުސަތު ވަނީ ދީފައެވެ.

އެހެންކަމުން މި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެސްޓާސް އިން ހޯދަން އެދުނު އެންމެހާ ފައިސާ ދެއްކުމާ ގުޅޭގޮތުން، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސް ކުރުމަށް ވެމްކޯއަށް އަންގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.