މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކު ފިޓް ޖެހުމުގެ ސަބަބުން މަރުވެއްޖެއެވެ.

އެމްޕީއެލުން މިއަދު ބުނީ ފިޓް ޖެހުމުގެ ސަބަބުން މަރުވެފައިވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފު ފިޓް ޖެހިފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

މަރުވެފައިވަނީ ފްލީޓް ސާވިސް ޑިޕާޓްމެންޓުގެ މެރިން ކްރާފްޓުގެ ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމުގައިހުރި އަމީން އަބްދުލްހަމީދު (30އ) ކަމަށް އެމްޕީއެލުން ބުންޏެވެ.

"ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލެ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތް ޖެޓީ ސަރަހައްދު މޫދަށެވެ. މި ހާދިސާ ހިނގުމާއެކު، މި ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމެންޓުގެ އެމެޖެންސީ ރެސްޕޮންސް ޓީމުންވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑުވެ، އެމްބިއުލާންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަމީން ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ" އެމްޕީއެލުން ބުންޏެވެ.

އަމީން، އެމްޕީއެލްގައި މަސައްކަތް ކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގައިކަމަށް އެމްޕީއެލުން ބުންޏެވެ.