އަންނަ މަހު އޮންނަ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ މެޗުތައް އިންޑިއާގައި ކުޅުމަށް ބަންގުލަދޭޝްއަށް މަޖުބޫރުކޮށް، އެގައުމުން އެދުނު ގޮތަށް މެޗުތައް ބަދަލު ނުކުރެވޭނެ ކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުސިލް (އައިސީސީ) އިން ބުނެފިއެވެ.

އަންނަ މަހު އިންޑިއާއާއި ސްރީ ލަންކާގައި އޮންނަ ކްރިކެޓް ވޯލްޑް ކަޕުގައި ބަންގުލަދޭޝްއިން ކުޅޭ މެޗުތައް، ސްރީ ލަންކާއަށް ބަދަލުކޮށްދޭން ބަންގުލަދޭޝްއިން އެދުނީ އިންޑިއާއާއި އެގައުމާ އޮތް ހާރިޖީ ގުޅުން ގޯސްވުމުންނެވެ. ބަންގުލަދޭޝްއިން ބުނީ އެގައުމުން އިންޑިއާގައި ކުޅުމަކީ މިވަގުތު އެންމެ އެކަށީގެންވާ ގޮތެއް ނޫން ކަމަށާއި ސަލާމަތީ ކަންކަމަށް ބަލައި، މެޗުތައް ލަންކާއަށް ބަދަލު ކޮށްދިނުމަށް އެދޭ ކަމަށެވެ.

ބަންގުލަދޭޝްގެ އިތުރުން އެހެން ގައުމުތަކުންވެސް އިންޑިއާގެ މައްސަލަތައް ހުށަހަޅާފައިވާ އިރު، ޕާކިސްތާނުގެ މެޗުތައް ލަންކާގައި ހޯސްޓް ކުރުމަށް އައިސީސީން ވަނީ ހުއްދަ ދީފައެވެ.

ބަންގުލްދޭޝްއިން ހުށަހެޅި ހުށަހެޅުމަށް އައިސީސީން ބުނީ އެ މެޗުތައް ލަންކާއަށް ބަދަލުކުރުމަކީ އިދާރީ ގޮތުން ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމެއް ކަމަށާއި، އެގޮތަށް އެކަން ކޮށްފިނަމަ އައިސީސީއަށް ކުރިއަށް އޮތް މުބާރާތްތަކުގައި އިތުރު މައްސަލަތަކާ ދިމާވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބަންގުލަދޭޝްއިން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ކުޅެން އޮތް ހުރިހާ މެޗެއްވެސް އިންޑިއާގައި ކުޅެން އޮތް އިރު، އެގައުމުން އަދިވެސް ވަކި ގޮތެއް ނުނިންމައެވެ. ހަބަރުތައް ބުނީ އައިސީސީން މިހާރު ބަންގުލަދޭޝްއަށް ހުށަހެޅި ގޮތް ގަބޫލު ނުކޮށްފިނަމަ، އެގައުމު ކްރިކެޓް ވޯލްޑް ކަޕުން ބޭރުކުރާނެ ކަމަށެވެ.

މީޑިއާތަކުން އިތުރަށް ބުނީ ބަންގުލަދޭޝްއިން އިންޑިއާގައި ކުޅެން އެއްބަސް ނުވެއްޖަނަމަ، ދެން އެ ފުރުސަތު ސްކޮޓްލޭންޑަށް ދޭންވެސް މަޝްވަރާ ކުރި ކަމަށެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނީ ބަންގުލަދޭޝްއިން މިހާރު އިންޑިއާގައި ކުޅެން މަޝްވަރާ ކުރަމުންދާ ކަމަށެވެ.