ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން ޓެކުހަށް މަކަރު ހަދައިފައިވާ ކަމަށް ތުހުމަތުކޮށް އެ ދެ ކުންފުންޏާއި، ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާކޮށްފައިވަނީ އެ ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. އަލީ އަބްދުﷲ ލަތީފެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ހިމެނޭ ކުންފުނިތަކުން ވަނީ 20 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވެފައި ކަމަށެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތައް ސާބިތުވެއްޖެ ނަމަ، ޓެކްސް ދެއްކުމުން އެއްކިބާވި އަދަދުގެ ދެ ގުނައަށްވާ 40.4 މިލިއަން ރުފިޔާއިން ކުންފުނިތައް ޖޫރިމަނާކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް އަދި ގާނޫނު ހިންގަން ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ދައުވާ އައިލެންޑް ހެލްތު ސޮލިއުޝަންގެ މައްޗަށް ކޮށްފައިވާނެ ކަމަށެވެ.
އައިލެންޑް ހެލްތު ސޮލިއުޝަން ކުންފުނީގެ ޑިރެކްޓަރަކަށް ހުންނެވި ލަތީފުގެ މައްޗަށް ކޮށްފައިވަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއްކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ޕައިނިއާ މޯލްޑިވްސް ކުންފުނީގައި ލަތީފްގެ މަސްލަހަތު އޮންނަ ކަމަށާއި ކޮވިޑް ދުވަސްވަރު އެ ކުންފުނިތައް ހިންގުމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕައިނިއާ މޯލްޑިވްސްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ދެެ ދައުވާއެއް ކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕައިނިއާ މޯލްޑިވްސްގެ ކުންފުނީގެ ޑިރެކްޓަރު އިކްލީލްގެ މައްޗަށްވެސް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް ކޮށްފައިވާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އިކްލީލަކީ އައިލެންޑް ހެލްތު ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާދާރެއްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަދި ބުނީ އަލީ ފަޔާޒް، ބޯވެލި/އދ. މާމިގިލި މައްޗަށް، ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ފަސް ދައުވާއެއް ކޮށްފައިވާ ކަމަށާއި، އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ މި މައްސަލައިގެ ހިމެނޭ ދެ ކުންފުނީގެ ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާއާ ހަވާލުވެ އެކަން ކޮށްފައިނުވާތީ ކަމަށެވެ.
މީރާއިން ރޭ ނެރެނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެ ދެ ކުންފުނިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވިގެން މީރާއިން ތަހުގީގު ފެށިކަމަށް މީރާއިން ބުނެފައިވެއެވެ.
ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ ވެސް މީރާއަށް ރިޕޯޓުކޮށްފައިނުވާކަން ތަހުގީގަށް ހޯދިފައިވާކަމަށް މީރާއިން ބުނެފައިވެއެވެ.
ހަމަ މިއާއެކު، ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021 ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވީ ނަމަވެސް، މި ހިދުމަތުން ލިބިފައިވާ އެންމެހާ އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަންވެސް ތަހުގީގަށް ހޯދިފައިވާކަމަށް މީރާއިން ބުނެފައިވެއެވެ.
އަދި މި ހިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި 'ކޮސްޓް އޮފް ސޭލްސް' އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ފާހަގަކުރެވުނުކަމަށް މީރާއިން ބުނެފައިވެއެވެ.
މި ގޮތުން، ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާކަން ފާހަގަކުރެވުނުކަމަށް މީރާއިން ބުނެފައިވެއެވެ.
އަދި މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވާނެކަމަށް މީރާއިން ބުނެފައިވެއެވެ.
"މި މައްސަލައިގައި މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން އެދިފައިވެއެވެ." މީރާއިން ބުނެފައިވެއެވެ.
އަދި މީގެ އިތުރުން އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި މުއްދަތުތަކަށް މި ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، އަލީ ފަޔާޒްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާނެކަމަށް މީރާއިން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް