މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ހިފުމުގެ ފަސް ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ހުކުމްކުރުން މިއަދަށް ތާވަލުކުރި ނަމަވެސް މިއަދުގެ އަޑުއެހުން ކުރިމިނަލް ކޯޓުން ކެންސަލްކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ 11:30 އަށެވެ. ކުރިމިނަލް ކޯޓުން މައުލޫމާތު ދިން ގޮތުގައި އެ އަޑުއެހުން ކެންސަލްކޮށްފައިވަނީ އިދާރީ ސަބަބަކާ ގުޅިގެންނެވެ.

ދައުލަތުން ވަނީ މީގެ ކުރިންވެސް މާނުގެ މައްޗަށް ރިޝްވަތުގެ ދެ ދައުވާއެއް ކޮށްފައެވެ. އެ ދެ ދައުވާ ސާބިތުވުމުގެ ސަބަބުން ކުރިމިނަލް ކޯޓުން ވަނީ 12 އަހަރުގެ ޖަލު ހުކުމެއް މާނުގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އިއްވައިފައެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމް މާނުގެ ފަރާތުން ވަނީ ހައިކޯޓުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ އަދިވެސް އޮތީ "ހުށަހެޅިފައި" މަރުހަލާގައެވެ.

މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފައިވަނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 (3.1 މިލިއަން) ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގައެވެ.

އެ މައްސަލައިގައި މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

އަދި އެ މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށްވެސް ނިންމައިފައިވެއެވެ.