ތައިލެންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ބާކީ އޮތް ހުރިހާ މެޗުތަކެއްވެސް ކާމިޔާބުކުރުމަކީ ބޮޑު ޓާގެޓެއް ކަމަށް ރާއްޖޭގެ ފުޓްސަލް ޓީމުގެ ކޯޗު، އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވް ބުނެފިއެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވި އިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވިއެވެ. އަދި އިއްޔެ އިންޑިއާ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މުބާރާތުގައި 18 ގޯލް ރާއްޖޭން ޖެހި އިރު، ރާއްޖެ ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.

އިންޑިއާ މެޗަށް ނުކުތް އިރު، ރާއްޖެ އޮތީ ދެވަނައިގައެވެ. އެއީ އިއްޔެ ނޭޕާލާއި ޕާކިސްތާން ވާދަކުރި މެޗު 4-4 އިން އެއްވަރުވުމުންނެވެ. އެ މެޗުން ހޯދި ޕޮއިންޓާއެކު، ރާއްޖެ މެޗުގެ ކުރިން ޕާކިސްތާން އެއްވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ.

އެހެން ނަމަވެސް، ރާއްޖެއިން މިވަނީ ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފައެވެ. އެއީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. އެއާއެކު ރާއްޖޭން ވަނީ އެއް މެޗު މަދުން ކުޅެ، ދެ ޕޮއިންޓުގެ ލީޑެއް އެއް ވަނައިގައި ހޯދައިފައެވެ. އަމިއްލަ ބާރުގައި، އެހެން ނަތީޖާތަކަށް ނުވިސްނައި މުބާރާތް ކާމިޔާބުކުރުމަށް، ކުރިއަށް އޮތް ތިން މެޗުން ރާއްޖެއަށް ބޭނުން ވަނީ ފަސް ޕޮއިންޓެވެ.

އެ ހާލަތާއެކު ރާއްޖެއަށް ޗެމްޕިއަންކަން ހޯދެން ފުރުސަތު އޮތް ނަމަވެސް، ކޯޗު ޒަކިރޯވް ބުނީ މުބާރާތް ނިންމާލަން ބޭނުންވަނީ ހުރިހާ މެޗަކުންވެސް މޮޅުވެގެން ކަމަށެވެ.

"އަހަރެން ކުރިންވެސް ބުނިހެން މެޗު އެހާ ފަސޭހައެއް ނޫން. އެއީ އިންޑިއާއަކީ ރަނގަޅަށް ތައްޔާރުވެފައިވާ ޓީމަކަށް ވެފައި، ރަނގަޅު ކޯޗެއްވެސް ހުރުމުން. އެކަމަކުވެސް އަހަރެމެން ހޯދި މޮޅަށް ޓީމަށް ފަހުރުވެރިވަން. ދެން ހުރި މެޗުތަކަށްވެސް ނުކުންނާނީ މި ކުޅުން ކުޅެ، މޮޅުވާން. އަހަރެން ބޭނުމެއް ނޫން އެއްވެސް ޕޮއިންޓެއް ގެއްލޭކަށް. އަހަރެން ބޭނުންވަނީ ދެން ހުރި ހުރިހާ މެޗަކުންވެސް މޮޅުވެގެން ތަށި ހޯދަން،" ޒަކިރޯވް އިއްޔެގެ މެޗަށްފަހު ޕްރެސްގައި ބުނެފައިވެއެވެ.

ޒަކިރޯވް ބުނީ އިއްޔެ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފަކީ ވަރަށް ޓަފް ހާފެއް ކަމަށެވެ. ހާއްސަކޮށް ކުޅުންތެރިންގެ ފަރާތުން ފައުލްތައް ގިނަވުމުން، ހާފުގެ ފަހުކޮޅުގައި އެކަން ޕްރެޝަރަކަށްވި ކަމަށް އޭނާ ބުންޏެވެ. ޒަކިރޯވް އިތުރަށް ބުނީ ދެވަނަ ހާފަށް ނުކުުތުމުގެ ކުރިން ފައުލްތައް މަދުކުރަން އިރުޝާދު ދިން ކަމަށެވެ.

ރާއްޖޭން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.