ހާމަނާއީއާ ދެކޮޅަށް އެއްވެސް އަމަލެއް ނުހިންގުމަށް އިރާނުން އަންގައިފިއެވެ.

އިރާނުގެ ސަލާމަތީ ބާރުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ޖެނަރަލް އަބޮލްފަޒްލް ޝެކްރާޗީ ވިދާޅުވީ އެމެރިކާއިން އެގައުމުގެ ލީޑަރު އަލީ ހާމަނާއީއާ ދެކޮޅަށް ހަމަލާދީ، ހާމަނާއީގެ ވެރިކަން ވައްޓާލުމަށް ރާވަމުންދާ ކަމަށެވެ.

ތަރުޖަމާނު ވަނީ އެމެރިކާއިން ހާމަނާއީއާ ދެކޮޅަށް އެއްވެސް އަމަލެއް ނުހިންގުމަށް އަންގަވައި އިންޒާރު ވެސް ދެއްވައިފައެވެ.

ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމަށް ހަމަލާދީ ހާމަނާއީގެ ވެރިކަން ވައްޓާލުމަށް ރާވަމުންދާ ކަމަށާއި އެމެރިކާއިން އެއްވެސް އަމަލެއް ހިންގައިފިނަމަ އެމީހުންގެ އަތް ބުރި ކުރިކުރުމުގެ އިތުރުން އެގައުމު ހުޅު ޖަހާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ވަނީ އިރާނުގެ ލީޑަރު ހާމަނާއީ އަކީ އެގައުމު ހިންގަން ނޭނގޭ އަދި މީހުން މަރާ މީހެއް ކަމަށާއި އިރާނަށް ބޭނުންވަނީ އާ ލީޑާޝިޕެއް ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއާއި އިރާނުގެ ހަމަނުޖެހުން ބޮޑުވެފައިވާ އިރު، އެމެރިކާއިން ވަނީ އިރާނަށް ހަމަލާދީ އެގައުމު ބަދަލުކުރާނެ ކަމަށް ގޮވާލައިފައެވެ.

އިރާނުން ވަނީ އެެެމެރިކާއިން ހަމަލާދީފި ނަމަ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށާއި އެ ސަރަހައްދުން ދަތުރުކުރާ އެމެރިކާއަށް ނިސްބަތްވާ މަނަަވަރުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ވެސް ދީފައެވެ.