ތައިލެންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުގައި މިއަދު އިންޑިއާ ކައިރިންވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އެވެ. މިހާތަނަށް މުބާރާތުގައި 18 ގޯލް ރާއްޖޭން ޖެހި އިރު، ރާއްޖެ ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ.

މިއަދު އިންޑިއާ މެޗަށް ނުކުތް އިރު، ރާއްޖެ އޮތީ ދެވަނައިގައެވެ. އެއީ މިއަދު ނޭޕާލާއި ޕާކިސްތާން ވާދަކުރި މެޗު 4-4 އިން އެއްވަރުވުމުންނެވެ. އެމެޗުން ހޯދި ޕޮއިންޓާއެކު، ރާއްޖެ މެޗުގެ ކުރިން ޕާކިސްތާން އެއްވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެންނެވެ.

އެހެން ނަމަވެސް، ރާއްޖެއިން މިވަނީ ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފައެވެ. އެއީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. އެއާއެކު ރާއްޖޭން ވަނީ އެއް މެޗު މަދުން ކުޅެ، ދެޕޮއިންޓުގެ ލީޑެއް އެއް ވަނައިގައި ހޯދައިފައެވެ.

ނޮންތަބުރީ އިންޑޯ ހޯލުގައި މިއަދު ކުުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ ގޯލް ޖަހައިދިނީ މުހައްމަދު އިމްރާން (އިންމި) އެވެ. އެ ގޯލާއެކު ރާއްޖޭން ލީޑެއް ނެގި ނަމަވެސް، ފުރަތަމަ ހާފުގައި އިންޑިއާއިން ރަނގަޅަށް ޕްރެސް ކުރިއެވެ. އެއާއެކު ރާއްޖޭގެ ފަސް ފައުލް ހަމަވި ނަމަވެސް، ފަހުކޮޅުގައި ރާއްޖެ ވަނީ ރަނގަޅަށް ޑިފެންސްކޮށް، ހިފަހައްޓާލައިފައެވެ.

ދެވަނަ ހާފު ފެށިގެން ފުލުފުލުގައި ރާއްޖޭގެ ދެ ގޯލް ފެނުނު އިރު، އެ ގޯލްތައް ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.

އެ ދެގޯލާއެކު ރާއްޖޭން ބޮޑު ލީޑަކަށް ދިޔުމުން އިންޑިއާއިން ވަނީ ޕަވާ ޕްލޭގެ ބޭނުންކުރަން މަސައްކަތް ކޮށްފައެވެ. އެހިސާބުން އިންޑިއާގެ ކުޅުން ގެއްލި އިންމިގެ އިތުރު ގޯލަކާއެކު ރާއްޖޭން ހަތަރު ވަނަ ގޯލް ޖެހިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ރާއްޖޭގެ ހުސެއިން ޝަރީފް (އޮންލީ) އަށް ކުރި ނުރައްކާތެރި ފައުލަކަށް އިންޑިއާގެ ލަލްސަންގްކިމާއަށް ރަތް ކާޑު ދެއްކި އިރު، ރާއްޖޭގެ ފަހު ގޯލް ޖެހީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

މިއަދު ޕަވާ ޕްލޭގައި އިންޑިއާއިން ކުރި އެޓޭކްތައް ހުއްޓުވަން ޒައިދާން އަހުމަދު (އަސޫ) މޮޅަށް ކުޅުނެވެ.