އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ނިންމައިފިއެވެ.
އެގޮތަށް ނިންމައިފައިވަނީ އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.
ޖޭޕީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި 18 މެމްބަރުންގެ ވޯޓުން ފާސްކުރީ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށެވެ. ނަމަވެސް 12 މެންބަރަކު އެކަމާ ދެކޮޅަށް ވޯޓު ދީފައިވެއެވެ. އެކަން ޖޭޕީގެ ކައުންސިލް މެންބަރަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އެ ނިންމުންތަކާ އެކު، މި ފަހަރުގެ ކައުންސިލް އިންތިހާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރޭނީ އެ ޕާޓީގެ ލީޑަރު ގާސިމްގެ ދާއިރާ މާމިގިލި ދާއިރާއަށް އެކަނި ކަމަށްވެސް އިއްޔެ ވަނީ ފާސްކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާއެކު، ގާސިމް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ތާއީދުކުރައްވަމުންނެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުވާލައިފައެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ އެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފައެވެ.
އަލީ ޔާމިން
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ