އެމެރިކާއަކީ ތަންކޮޅެއް ކުރިން އީރާނުގެ ވަރަށް ގާތް ބައިވެރިއެކެވެ. އޭރު އީރާނުގެ ވެރިކަން ހިންގަމުންދިޔައީ އެމެރިކާ ބޭނުންވާ ގޮތަކަށެވެ. އެމެރިކާގެ މަސްލަހަތާ އެއްގޮތަށެވެ. އެކަން ނިމުމަކަށް އައީ އީރާނުގެ ރަސްކަމުގައި ހުންނެވި ޝާހު މުހައްމަދު ރިޒާ ޕަހެލަވީ ގައުމު ދޫކުރައްވައި ފިއްލަވައިގެން އެމެރިކާއަށް ވަޑައިގެންނެވުމުންނެވެ. އެއީ މީގެ 47 އަހަރު ކުރިއެވެ. ރިޒާ ޕަހެލަވީގެ ވެރިކަން ވެއްޓުނީ 1978 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 1979 ވަނަަައަހަރުގެ ޖެނުއަރީ މަހާ ހަމަޔަށް އީރާނުގެ ކަންކޮޅުތަކުގައި އާއްމު ރައްޔިތުން ކުރި ވަރުގަދަ މުޒާހަރާތަކުގެ ސަބަބުންނެވެ. އެ މުޒާހަރާތައް ރޫޅާލެވޭތޯ ޝާހުގެ ސަރުކާރަށް އެހީތެރިވަމުންދިޔައީ އެމެރިކާއާއި އިޒްރޭލުންނެވެ. އަދި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންނެވެ. ހަމަސީދާ އެގައުމުތަކުގެ އެޖެންޓުން އީރާނުގެ ތެރޭގައި ތިބެގެންނެވެ. އެ މުޒާހަރާތަކުގައި އީރާނުގެ ރައްޔިތުންގެ ތެރެއިން ފަސްދޮޅަސް ހާސް މީހުން މަރުވެފައިވެއެވެ.
އީރާނުގެ ރައްޔިތުންގެ ހިތްތަކުގައި އެމެރިކާއަށް ނަފުރަތާއި ރުޅިވެރިކަން އުފެދުމުގެ އަސްލު ސަބަބަކީވެސް ރިޒާ ޕަހެލަވީގެ ސަރުކާރު ދެމެހެއްޓުމަށް އެމެރިކާއިން ވާގިވެރިވުމާއި މުޒާހަރާތަކުގެ ބައިވެރިންގެ ގަޔަށް ބަޑިޖެހުމުގައި އެމެރިކާގެ އެޖެންޓުން އަދާކޮށްފައިވާ ދައުރެވެ. އީރާނުގެ ކިޔަވާކުދިންނާއި އާއްމު ރައްޔިތުން ގަބޫލުކުރި ގޮތުގައި ވެރިރަށް ތެހެރާނުގައި ހުންނަ އެމެރިކާގެ އެމްބަސީއަކީ އީރާނު އަޅުވެތިކުރުމުގެ ކިއްލާއެކެވެ. އީރާނުގެ ރަސްކަން އުވާލައި އިސްލާމީ ޖުމްހޫރިއްޔަތެއް 1979 ވަނަ އަހަރު ގާއިމު ކުރެވުމަށްފަހުވެސް ސިއްރާއި ފާޅުގައި އެމެރިކާއިން ދިޔައީ އައު ސަރުކާރު ބަދަލުކޮށްލެވޭތޯ މަސައްކަތް ކުރަމުންނެވެ. ވެެރިކަމުން ދުރުކުރެވުނު ރިޒާ ޕަހެލަވީއަށް އެންމެފަހުން ހިމާޔަތް ދިނީވެސް އެމެރިކާއިންނެވެ. އޭރު އެމެރިކާގެ ރިޔާސަތުގައި ހުންނެވީ ޖިމީ ކާޓަރެވެ. ކޮންމެއަކަސް އީރާނުގެ ރައްޔިތުން އެދެމުން ދިޔައީ އެމެރިކާގައި ހުންނެވި ޝާހު އީރާނަށް އަލުން ފޮނުވައި ދިނުމަށާއި އީރާނުގެ ދާޚިލީ ކަންކަމާ އެމެރިކާއިން ނުބެހުމަށެވެ.
އީރާނުގެ ރައްޔިތުންގެ އިލްތިމާސްތައް އެމެރިކާއަކުން އަޑެއް ނޭހިއެވެ. ރައީސް ޖިމީ ކާޓަރު ގެންދެވީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އީރާނުގެ އިސްލާމީ އިންގިލާބު އަނެއްއަތަށް ފުރޮޅައިލެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. އެ މަސައްކަތް ރާވައި ހިންގުމުގެ މަރުކަޒަކީ ތެހެރާނުގައި ހުންނަ އެމެރިކާގެ އެމްބަސީއެވެ. އެންމެފަހުން އީރާނުގެ ކިޔަވާކުދިން އެމްބަސީގެ ތެރެއަށް ވަދެ އެތަން ހިފައިފިއެވެ. މިކަމެއް ހިނގީ 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެމްބަސީ ހިފުމާއެކު އެތަނުގެ މުވައްޒަފުންގެ ގޮތުގައި ތިބި އެމެރިކާގެ 66 މީހަކުވެސް ރަހީނު ކުރިއެވެ. އެމެރިކާގެ އެމްބެސެޑަރުވެސް ހިމެނޭގޮތުންނެވެ. އެމްބަސީ ދޫކޮށްލައި މިހުރިހާ ރަހީނުންވެސް އީރާނުގެ ކިޔަވާކުދިން ދޫކޮށްލީ ރައީސް ޖިމީ ކާޓަރުގެ ވެރިކަން ނިމި އައު ރައީސް ރޮނަލްޑް ރޭގަން 20 ޖެނުއަރީ 1981 ގައި ހުވާކުރެއްވުމާ ދިމާކޮށެވެ. އީރާނުން ގަބޫލުކުރި ގޮތުގައި އައު ރައީސްގެ ވެރިކަމުގައި އެމެރިކާގެ ސިޔާސަތު ތަފާތުވާނެއެވެ.
އީރާނުން ހީކުރީ ރައީސް ރޭގަންގެ ދައުރުގައި ހަސަދަވެރިކަމުގެ އަމަލުތައް ނިމުމަކަށް ގެންނާނެ ކަމުގަައެވެ. އެކަމަކު އެހެނެއް ނުވިއެވެ. އެމްބަސީގައި ތިބި ރަހީނުން މިނިވަން ކުރުމަށް 1980 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެމެރިކާގެ ޑެލްޓާ ފޯހުން އީރާނުގެ ތެރޭގައި ހިންގާން އުޅުނު އަސްކަރީ އޮޕަރޭޝަނެއް ނާކާމިޔާބުވެ އެތައް ހެލިކޮޕްޓަރެއް ވެއްޓި އެމެރިކާ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން އެމެރިކާގެ ވެރިންގެ ހިތުތެރޭގައި އަނދަމުންދިޔައީ ހަސަދަވެރިކަމުގެ މާވަރުގަދަ އަލިފާނެކެވެ. ރައީސް ޖިމީ ކާޓަރު ދެން އިޚުތިޔާރު ކުރެއްވީ އެހެން މަގެކެވެ. އިރާގަށް ހަތިޔާރާއި ފައިސާދީގެން އީރާނާ ދެކޮޅަށް ހަގުރާމަކުރުވައި އީރާން ބަލިކުރެވޭތޯ ބެއްލެވީއެވެ. މި ހަގުރާމައެއް ފެށީ އިރާގުންނެވެ. ސެޕްޓެމްބަރު 1980 ގައެވެ. އައު ރައީސް ރޮނަލްޑް ރޭގަންވެސް މި ހަގުރާމައިގައި އިރާގަށް މަދަދު ކުރެެއްވިއެވެ. މި ހަގުރާމަ 1988 ވަނަ އަހަރުގެ އޮގަސްޓް މަހު ނިމުނުއިރުވެސް ރައީސްކަމުގައި ހުންނެވީ ރޭގަންއެވެ.
ހުޅަނގުގެ ގައުމުތަކުން ހީކުރީ އީރާނު ބަލިކުރެވިދާނޭ ކަމުގައެވެ. އެކަމަކު ހަތިޔާރާއި ފައިސާޔާއި އެނޫންވެސް ތަކެތި އޮއްސައިގެން އެކަމެއް ނުކުރެވުނެވެ. ރައީސް ރޭގަންގެ ދައުރުގެ ފަހުކޮޅު ދުނިޔޭގެ ތަހުޒީބު ގައުމަކުން ނުކުރާނޭ ކަހަލަ ނާތަހުޒީބު ކަމެއްވެސް އެމެރިކާއިން އޮތީ އީރާނާ ދެކޮޅަށް ހިންގައިފައެވެ. އެއީ ގަލްފުގެ މަތިން އުދުހެމުންދިޔަ އީރާނުގެ ގައުމީ އެއަރލައިންގެ މަތިންދާބޯޓެއް ވައްޓައިލުމެވެ. މިހާދިސާގައި 290 މީހުން މަރުވިއެވެ. މިކަން މިމަގުން ހިންގައިފައި ކުޑަމިނުން މާފަކަށްވެސް ނޭދެއެވެ. ހަމަބޮޑާވެފައި ތިބީއެވެ. ކޮންމެއަކަސް ޖިމީ ކާޓަރުގެ ދައުރުން ފެށިގެން ފާއިތުވި 47 އަހަރުގެ ތެރޭގައި އީރާނުގެ ވެރިކަން ވައްޓައިލެވޭތޯ މަސައްކަތް ނުކުރައްވާ ހަމަ އެންމެ ރައީސަކުވެސް ވައިޓް ހައުސްއަކުން ނުފެނެއެވެ. ޑިމޮކްރެޓެއް، ރިޕަބްލިކަނެއް ތަފާތެއް ނެތެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ޖުމްލަ 8 ރައީސުން ވަނީ ފެނިގެން ގޮސްފައެވެ. ބައެއް މީހުން ދެ ދައުރުގައެވެ.
އީރާނުގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުކޮށް އަލިފާނަށް ތެޔޮއަޅައިގެން އެންދުމަކީ ފާއިތުވި 47 އަހަރުގެ ތެރޭގައި ނިކަން ގިނަގިނައިން އެމެރިކާޔާއި އިޒްރޭލުން ކުރަމުން ގެންދާ ކަމެކެވެ. މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ފަހަތުގައި ތިބީވެސް އެމީހުންނެވެ. މި މުޒާހަރާތަކުން އެއްކަމެއް މިހާރު ވަރަށް ސާފެވެ. މުޒާހަރާތައް މިހާރު އެދަނީ ހިނދެމުން ކުޑަވަމުން މައިތިރިވަމުންނެވެ. ސަރުކާރުގެ އިދާރާތަކަށްވަދެ އެތަންތަން އަވަހަށް ހިފައި މިކަންތައް ދެން ނިންމައިލާށޭ ރައީސް ޓްރަމްޕު އެންގެވިޔަކަސް އެކަން އެހެންވާތީއެއް ނުފެނެއެވެ. ދެންއޮތީ އީރާނަށް ހަމަލަދީގެން ވެރިކަން ބަދަލުކުރެވިދާނޭތޯ ކުރެވޭ ސުވާލެވެ. އީރާނުގެ ވެރިކަމަކީ އަދި އެހާ ފަސޭހައިން ވައްޓައިލެވޭ ގޮތަށް ތަރުތީބު ކުރެވިފައިވާ ވެރިކަމެއް ނޫނެވެ. އެކަން ފާއިތުވި ދުވަސްތަކުގައި އޮތީ ފެނިގެން ގޮސްފައެވެ. އެހެންވީމާ މިފަހަރުވެސް އެކަން ކާމިޔާބުވާނޭ ކަމަކަށް ނުފެނެއެވެ. އަދި ހަގުރާމައެއް ފަށައިގެން ކުރިއަށްގެންދާން ކެރޭނޭ ކަމަކަށްވެސް ނުފެނެއެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން