ތާޖު އެގްޒޯޓިކާ ކައިރިއަށް އިއްޔެ ބަންޑުން ޖަހާލި "ބަލްމާ 6" އިން ގެއްލުނު ދެވަނަ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ބުނީ އެމީހާ ހޯދުމަށް ކަނޑާއި ވައިގެމަގުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމުގައި ދަންނަވަން." އެމްއެންޑީއެފްގެ މެސެޖްގައި ބުނެފައިވެއެވެ.

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ އެ ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 7:27 ހާއިރު އެވެ. އެ ހާދިސާގައި ބިދޭސީއަކާއި ދިވެއްސަކު ގެއްލުނު އިރު ދިވެހި މީހާ މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ.