މި ސަރަހައްދުގެ އެކުވެރިކަމާއި އެއްބާރުލުމަށް އުފައްދާފައިވާ ސާކްގެ މަސައްކަތްތައް އަލުން ފަށަން ޖެހޭ ކަމަށާއި އެކަމަށް އެހީތެރިވުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒު ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރުގެ ގެކޮޅުގައި އޮތް ރަސްމިއްޔާތެއްގައި ދެ ބޭފުޅުން ގުޅިގެން ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ ބޭރު ދުނިޔޭގެ އެކި ކަންކަމާ ގުޅޭ ގޮތުން ދެގައުމުގެ ވިސްނުން އެއްގޮތް ކަމަށާއި އެގޮތުން އދ. އާއި އޯއައިސީ އަދި އެހެންވެސް އިތުރު ފޯރަމްތަކަށް ހުށަހެޅޭ މައްސަލަތަކުގައި ދެގައުމުގެ ހިޔާލު އެެއްގޮތް ކަމަށެވެ.
މި ސަރަހައްދުގެ ޖަމިއްޔާ، ސާކްގެ އަގު ރާއްޖެއިން ވަޒަންކުރާ ކަމަށާއި ސަރަހައްދީ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވަނީ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
"ސާކްގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި ހަރުދަނާ، އޮއްޓަރު ހުރި މަސައްކަތްތަކެއް ކުރަން ރާއްޖެ މި އޮތީ ތައްޔާރަށް. ރާއްޖެއިން ގަބޫލުކުރާ ގޮތުގައި އަލުން އިތުބާރު އުފެއްދުމާއި މައުނަވީ މަޝްވަރާތަކަކީ މި ސަރަހައްދުގެ ގުޅުން ބޭނުންތެރިކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސާކްގެ ހުރިހާ ގައުމަކާ އެކު ރާއްޖެއިން ގާތުން މަސައްކަތްކޮށް، ވީ އެންމެ އަވަހަކަށް ސާކް ސަމިޓެއް ބާއްވަން ރާއްޖެއިން ތައްޔާރު ކަމަށެވެ.
ސާކް ސަމިޓް އެންމެ ފަހުން ބާއްވާފައި ވަނީ 2014 ގައި ނޭޕާލްގަ އެވެ. އެއީ 18 ވަނަ ސާކް ސަމިޓެވެ.
ރަންވީރް ސިންގް
ބޭރު ކުޅިވަރު
ކޮމެންޓް