ރާއްޖޭގައި މަސައްކަތްކުރާ ސްރީ ލަންކާގެ މީހުން އަހަރަކު 129 މިލިއަން ޑޮލަރު، ލަންކާއަށް ގެންދާ ކަމަށް ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ރައީސްގެ މަގާމުން ވަކިވެވަޑައިގެންނެވި ސުދޭޝް މެންޑިސް ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫހަކަށް ދިން އިންޓަވިއެއްގައި ސުދޭޝް ވިދާޅުވީ ލަންކާގެ 21،000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި މަސައްކަތްކުރާ ކަމަށެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރަނީ ޓޫރިޒަމް އިންޑަސްޓްރީގައިކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލަންކާއަކީ ރާއްޖެއަށް ކުރިން މުހިންމު ބައިވެރިއެއް ކަމަށާއި ނަމަވެސް މިހާރު އެ ގުޅުމަށް ކޮންމެވެސް ވަރަކަށް ބުރޫ އަރާފައިވާ ކަމަށެވެ. ސުދޭޝް ވިދާޅުވީ ދެގައުމުގެ ދެމެދުގައި ކުރިން އޮތް ގުޅުން އަލުން އަނބުރާ އިއާދަކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

އެ ހަބަރު ފޭސްބުކުގައި ޝެއާ ކުރައްވައި ސުދޭޝް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު މަދުވުމަކީ އިގުތިސޯދީ ގޮތުން ލިބޭ ގެއްލުމެއް ކަމަށެވެ.

"ލަންކާއަށް ދިން އީސްޓާ ސަންޑޭ ހަމަލާގެ ކުރިން 17،000 ދިވެހިން ލަންކާގައި ދިރިއުޅެމުންދިޔަ. އެކަމަކު މިހާރު ދިރިއުޅެނީ ގާތްގަނޑަކަށް 1،400 ވަރަކަށް ދިވެހިން. ލަންކާއަށް ގެއްލޭނެ ކަމަށް އަންދާޒާކުރެވޭ އާމްދަނީ އަކީ އަހަރަކު 100 މިލިއަން ޑޮލަރު،" އޭނާ ވިދާޅުވިއެވެ.

ސުދޭޝް ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު އަލުން ރަނގަޅު ގުޅުމެއް އިއާދަ ކުރެވިދާނެ ކަމަށާއި ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލުންވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.