އިދާރީ މައްސަލަ ހައްލުވަންދެން ކަމަށްބުނެ، އަށް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި މީހާ ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
މިއީ އިބްރާހީމް ހާނިފު ކިޔާ މީހަކު އެކި ދުވަސް މަތިން، އޭނާގެ އަންހެނުންގެ އާއިލާގެ އަށް އަހަރުގެ ކުޑަކުއްޖަކަށް ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގައި 12 ނޮވެމްބަރު 2024 ގައި ހައްޔަރުކުރި މައްސަލައެކެވެ.
އެއަށްފަހު ހެކިބަސްދޭ މީހުންނަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކޮށްފާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ފެންނާތީ، އަދި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ހާލަތު އޮތްކަމަށް ފެންނާތީ، އިބްރާހީމް ހާނިފު ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދަށު ކޯޓުގައި އެދުނެވެ.
އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް 30 ދުވަހުގެ މުއްދަތަށް އިބްރާހީމް ހާނިފު ބަންދުކުރުމަށް ދަށު ކޯޓުން އަމުރުކުރިއެވެ.
ނަމަވެސް އެ ބަންދުގެ މުއްދަތު ހަމަވާތީ، އިތުރު 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދުނެވެ.
ނަމަވެސް އިބްރާހީމް ހާނިފުގެ މައްޗަށް ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލުމަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ދަށު ކޯޓުން އަމުރު ކުރިއެވެ.
އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އެ މައްސަަލަ އިސްތިއުނާފުކުރި މައްސަލައެކެވެ.
އެ މައްސަލައާ ގުޅިގެން އިބްރާހީމް ހާނިފު ބަންދުން ދޫކޮށްލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާ ހިލާފަށް އަދި ހާއްސަ އިޖުރާއަތާއި އާންމު އިޖުރާއަތު މަސްހުނި ނުކުރުމުގެ އުސޫލާ ހިލާފަށްކަމުގައި ކަނޑައަޅައި، 12 ޑިސެމްބަރު 2024 ގައި އޭނާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލު ކަމަށް 5 ޖެނުއަރީ 2025 ގައި ހައިކޯޓުން ކަނޑައެޅިއެވެ.
މީގެ އިތުރުން، އިބްރާހީމް ހާނިފުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ދައުލަތުން ހުށަހަޅައިފިނަމަ، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ވެސް އަންގާފައިވެއެވެ.
އިބްރާހީމް ހާނިފުގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ ދަށުން ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ، 6 ޖެނުއަރީ 2025 އިން ފެށިގެން ވަނީ އުފުލައިފައެވެ.
އެހެންކަމުން ހައިކޯޓުގެ ނިންމުމާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް 9 ޖެނުއަރީ 2025 ގައި ދަށުން ކޯޓުން އަމުރުކުރިއެވެ.
އެހާ ހިސާބުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ހިންގުމުގައި ލަސްވާކަން ފާހަގަކޮށް، ކޯޓުގެ ސާވާ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ޝަރީއަތް ހިންގުމަށް ދަތިވެފައިވާތީ، އެކަން ހައްލުކޮށް ޝަރީއަތް ހިންގޭގޮތް މެދުވެރިވަންދެން ނަމަވެސް، އޭނާގެ ބަންދަށް ލުޔެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި އިބްރާހީމް ހާނިފުގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ދަށުކޯޓަށް ސިޓީއެއް ހުށަހެޅިއެވެ.
އެ ހުށަހެޅުމާ ގުޅިގެން، ޝަރުތުކޮށް ވަގުތީގޮތުން ބަންދަށް ލުއިދީ އިބްރާހިމް ހާނިފު ދޫކޮށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ދަށު ކޯޓުުން އަމުރުކުރިއެވެ.
އެގޮތަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ދައުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން، ޝަރީއަތް ހިންގުމުގެ ސީދާ ދަތިކަން ކޯޓަށް ކުރިމަތިވެފައިވުމުން، ޝަރީއަތް ކުރިއަށްގެންގޮސް ހިންގޭނެ ދުވަސްތަކެއް ޝަރީއަތުން ކަނޑައެޅުމަށް ދިމާވެފައިވާ އިދާރީ މައްސަލައަކީ ޝަރީއަަަތް މެދުކެނޑުމެއްނެތި ހިންގަން ހުރަސްއެޅުމުގެ އިތުރުން، ޝަރީއަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމެއް ކަމަށެވެ.
ޝަރީއަތް ހިންގުމަށް ދިމާވެފައިވާ ދަތިކަމަށް ދެމަސްދުވަސް ވެފައިވާ އިރު، އެކަމުގެ އަލިމަގެއް ފެންނާނެ މުއްދަތެއް ނެތުމުން، ދައުލަތުގެ ނިޒާމުގެ ތެރެއިން ފުރިހަމަކުރަން ޖެހޭކަމެއް ފުރިހަމަވެފައި ނެތުމަކީ މީހެއްގެ އަސާސީ ހައްގުތައް ހިފެހެއްޓެންޖެހޭ ސަބަބެއް ނޫންކަން ގާނޫނުއަސާސީއަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ.
"ކޯޓުގެ ވަސީލަތް ނެތުމުން އެ ހައްގުތައް ހިފެހެއްޓެން ނެތުމުން، ކޮންމެ މީހަކީވެސް ކުށެއް ނުކުރާ މީހެއްގެ ހައިސިއްޔަތު އޮންނަ ފަރާތެއްގެ ގޮތުގައި ބަލަންޖެހޭކަން ގާނޫނުއަސާސީން ބުނެދޭހިނދު، މި އަމުރަކީ، ދައުވާ ލިބޭ ފަރާތް ބަންދުން ވީއްލުމަށްވުރެ، ބަންދުގައިވާ ފަރާތުން އެދޭ އެދުމެއްގައި ހިމެނޭ ކަންކަމުގެ ސަބަބު ވުޖޫދުވެފައި އޮތުމުން، އެންމެހައި އަސާސީ ޝަފަހީ ހެކިންގެ ހެކިބަސް ފުރިހަމަ ވެފައިވުމާއެކު، މިވަގުތަށް ބަންދަށް ލުޔެއްދިނުމަކީ، ޝަރީއަތަށް އިއާދަނުކުރެވޭވަރުގެ ބޮޑު ކަމެއް މެދުވެރިވެދާނެ ހާލަތެއް ނެތުމުން، ޝަރީއަތް ހިންގުމަށް ވެފައިވާ ދަތި ފިލުމާއެކު ނުވަތަ 30 ދުވަހަށްވުރެ އިތުރުނުވާނޭހެން، ޝަރުތުކޮށް ވަގުތީގޮތުން ބަންދަށް ލުއިދީ ދޫކޮށްލުމަށް އަމުރުކުރަމެވެ،"
ދަށު ކޯޓުގެ މި ނިންމުންވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކުރިއެވެ.
މި މައްސަލައިގައި އިއްޔެ ހައިކޯޓުން ކުރި ހުކުމްގައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު 21 ގައި ދަށު ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު