އެމެރިކާއާ އިސްވެ އަދާވާތްތެރިވެގަނެގެން އުޅެނީ އީރާނަކުން ނޫނެވެ. އީރާނާ އިސްވެ އަދާވާތްތެރިވެގަތީ އެމެރިކާއިންނެވެ. އީރާނުގެ ރައްޔިތުން ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އިންތިޚާބުކޮށްފައި ހުންނެވި ބޮޑުވަޒީރު މުހައްމަދު މުސްދިގުގެ ވެރިކަން 1953 ވަނަ އަހަރު ބަޣާވާތަކުން ވައްޓައިލީ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ. އޭނާގެ ކުށަކީ ކޮބައިބާވައެވެ. އޭނާ ކުރެއްވި ކަމަކީ އީރާނުގެ ތެޔޮވަޅުތައް ގައުމީ މިލްކު ކަމުގައި ހަމަޖެއްސެވުމެވެ. އީރާނުގެ ގުދުރަތީ މުއްސަނދިކަމުގެ ނަފާ ސީދާ ރައްޔިތުންނަށް ލިބޭނޭގޮތް ހެއްދެވުމެވެ. މިއީ އެމެރިކާއާއި އިނގިރޭސިވިލާތަށް ހަޖަމުކުރެވުނު ކަމަކަށް ނުވިއެވެ. އެހެންވެ އަވަސްވެގަތީ ބަޣާވާތަކުން މުސްދިގުގެ ވެރިކަން ނިންމައިލުމަށެވެ. މި ބަޣާވާތް ރާވައި ހިންގީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިންނާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ އެމް-15 އިންނެވެ. އިސާހިތަކު މުހައްމަދު މުސްދިގުގެ ވެރިކަން ބަދަލުކޮށް ވެރިކަމުގެ އެންމެހައި ބާރުތައް ޝާހު ރިޒާ ޕަހެލަވީއާ ހަވާލުކޮށްފިއެވެ.
މިދެންނެވި ޝާހަކީ އަނިޔާވެރިކަމާއި ޖައްބާރުކަމުގައި އެފަދަ ދެވަނައެއް ނުވާ މީހެކެވެ. އޭނާގެ ވެރިކަން ހިންގީ މީހުން ހައްޔަރުކޮށް އަނިޔާކޮށްގެންނެވެ. ސިއްރު ފުލުހުން ނެރެގެންނެވެ. މިގޮތުގައި އެމެރިކާއާއި ހުޅަގުގެ އެހީ ލިބިގެން ދަގަނޑު އަތަކުން ސައްބީސް އަހަރުގެ ދިގު މުއްދަތަކަށް އޭނާ އީރާނުގެ ވެރިކަން ކޮށްފިއެވެ. ޝާހު ރިޒާގެ މި އަނިޔާވެރި ވެރިކަން ނިމުމަކަށް އައީ އީރާނުގެ ރައްޔިތުން އެއްއަހަރު ވަންދެން ހުއްޓާނުލައި ކުރި މުޒާހަރާތަކަށްފަހު 1979 ގައެވެ. އީރާނުގެ ރައްޔިތުން ގެނައި އިންގިލާބަކީ ފަރުދީ މިނިވަންކަން ހަނިކުރުމުގެ އިންގިލާބެއް ނޫނެވެ. އެއީ ހުޅަނގުން ބުނާހާ ގޮތަކަށް އަމަލުކުރަމުންދިޔަ ހުޅަނގުގެ ގޮނޑިކޮއްކޮ ސަރުކާރެއް ބަދަލު ކުރުމެކެވެ. އީރާނުގެ ރައްޔިތުން ތެދުވީ އަނިޔާވެރިކަމާ ދެކޮޅަށެވެ. އަޅުވެތިކަމާ ދެކޮޅަށެވެ. ޝާހުގެ ވެރިކަމަކީ އީރާނުގެ ޑިމޮކްރަސީ އިރާލައި އެމެރިކާއާއި އިނގިރޭސިވިލާތުގެ މާލީ މަންފާއަށްޓަކައި އެދެގައުމުން ގާއިމުކުރި ވެރިކަމެކެވެ.
މިއަދު އީރާނުގެ ރައްޔިތުން ތަހައްމަލް ކުރަމުން އެގެންދަނީ ހުޅަނގަށް ލިބެމުންދިޔަ މަންފާ ހުއްޓުވާލައި އީރާނުގެ މިނިވަންކަން ރުޖޫއަކުރުމުގެ އަދަބެވެ. މި އަދަބުގައި އީރާނުގެ ރައްޔިތުން ތިބޭތާ މިވީ 47 އަހަރެވެ. އީރާނުގެ ޑިމޮކްރަޓިކް ބޮޑުވަޒީރު މުހައްމަދު މުސްދިގުގެ ވެރިކަން ވައްޓައިލުމުގެ ކަންކަމުގެ މޭސްތިރިޔަކީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ އިސް އޮފިސަރެއް ކަމުގައިވާ ކިމް ރޫޒްވެލްޓް ޖޫނިއަރ އެވެ. މީނާއަކީ އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ތިއޮޑޯރ ރޫޒްވެލްޓްގެ ކާފަދަރިއެކެވެ. ދެވަނަ ބޮޑުހަގުރާމަ ނިމުމާއެކު މީނާ ދިޔައީ މެދުއިރުމައްޗަށެވެ. އެތަނުގައި ކުރި މަސައްކަތަކީ އެމެރިކާ ބުނާބަސް އަހާނޭ ކިޔަމަންތެރި ސަރުކާރުތަކެއް ގާއިމުކުރުމެވެ. މުސްދިގުގެ ސަރުކާރު ވައްޓައިލުމަށްފަހު ދެން ވެރިކަން ހިންގާނޭގޮތުގެ ރޭވުންތައް ޝާހު ރިޒާ ޕަހެލަވީއަށް ރާވައިދިނީވެސް މީނާއެވެ. އީރާނުގެ ސަރުކާރު ވައްޓައިލުމަށްފަހު ސީއައިއޭގެ ތެރެއިން އެހެން ގައުމެއްގެ ސަރުކާރުވެސް މީނާ ބަދަލުކުރިއެވެ. އެއީ ގުއެޓެމާލާއެވެ.
އެ ގައުމުގެ ވެރިކަން ވައްޓައިލީވެސް ބަޣާވާތަކުންނެވެ. ފައިސާ ބަހައިގެންނެވެ. ކޮންމެއަކަސް މި ރޫޒުވެލްޓަކީ ބަޣާވާތް ރޭވުމާއި ތަންފީޒު ކުރުމުގެ މާހިރަކީއެވެ. ކިމް ރޫޒްވެލްޓް ޖޫނިއަރ އެމެރިކާގެ ޖާސޫސީ އިދާރާއިން 1958 ވަނަ އަހަރު ރިޓަޔަރ ކުރުމަށްފަހު ކުރި މަސައްކަތަކީ ތެލުގެ ވިޔަފާރިއެވެ. އެ މަސައްކަތުގައި އީރާނުގެ ޝާހު ރިޒާއަކީ ބައިވެރިއެކެވެ. ގިނަގިނައިންގޮސް އީރާނުގައި ހުންނަނީވެސް ރިޒާ ޕަހެލަވީގެ ގަނޑުވަރުތަކުގެ ތެރެއިން ގަނޑުވަރެއްގައެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އީރާނުގެ ވެރިކަން ވައްޓައިލީ ތެލުގެ ކޮންޓްރޯލް އަލުން ހޯދުމަށެވެ. މި އޮޕަރޭޝަނަށް ދިން ނަމަކީ އޮޕަރޭޝަން އަޔެކްސް އެވެ. އީރާނުގެ ބޮޑުވަޒީރުކަމަށް މުހައްމަދު މުސްދިގު ވަޑައިގެން އީރާނުގެ ތެޔޮވަޅުތައް ދައުލަތަށް ނެންގެވުމާ ހަމަޔަށް އީރާނުގެ ތެލުގެ ވިޔަފާރި ކޮންޓްރޯލް ކުރަމުންދިޔައީ ބްރިޓިޝް ޕެޓްރޯލިއަމޭ ކިޔުނު އިނގިރޭސި ކުންފުންޏަކުންނެވެ. އަލުން އެކޮންޓްރޯލް އަތުލުމަށް ހުރިހައި ޚަރަދެއްކުރީވެސް މި ކުންފުނިންނެވެ. ފަހުން ލިބޭނޭ މަންފާގެ ބޮޑުކަމަށްޓަކައެވެ.
މުހައްމަދު މުސްދިގުގެ ސަރުކާރު ވައްޓައިލުމަށްފަހު ޝާހު ރިޒާ ޕަހެލަވީ ލައްވައި އެންމެ އިހަށްވެސް ކުރުވި ކަމަކީ އީރާނުގެ ތެލުގެ ސާޅީސް އިންސައްތަ ބްރިޓިޝް ޕެޓްރޯލިއަމަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުވުމެވެ. މި އެއްބަސްވުމާ އެއްގޮތަށް ޝާހު ރިޒާ ޕަހެލަވީގެ ވެރިކަން 1979 ވަނަ އަހަރު ވެއްޓުމާ ހަމަޔަށް އީރާނުގެ ތެލާއި ގޭހުގެ ސާޅީސް އިންސައްތަ ނަގަމުންދިޔައީ މި ކުންފުނިންނެވެ. އެމެރިކާއާއި ހުޅަގު ޔޫރަޕުގެ ގައުމުތަކަށް މި ވިޔަފާރީގެ މަންފާއިން ބައެއް އެޅުމަށްޓަކައި 1954 ވަނަ އަހަރުން 1979 ވަނަ އަހަރާ ހަމަޔަށް މި ކުންފުނީގެ ހިއްސާ މިދެންނެވި ގައުމުތަކުގެ ބޮޑެތި ތެޔޮ ކުންފުނިތަކަށްވެސް އޮތީ ދީފައެވެ. ޝާހުގެ ވެރިކަމާ ދެކޮޅަށް 1978 ވަނަ އަހަރުން 1979 ވަނަ އަހަރާ ހަމަޔަށް އީރާނުގެ ރައްޔިތުން ކުރި މުޒާހަރާތައް ރޫޅައިލުމަށްޓަކައި ބްރިޓިޝް ޕެޓްރޯލިއަމުން ޚަރަދުކޮށްގެން އީރާނަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ކުލީ ސިފައިން ގެނެސް އީރާނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖަހައި ފަސްދޮޅަސް ހާސް މީހުން މަރާފައިވެއެވެ.
މަތީގައި ބަޔާންކުރެވިފައިވަނީ ތާރީޚީ ތެދު ހަގީގަތްތަކެވެ. އެ ހަގީގަތްތަކަށް ރިއާޔަތްކުރީމާ އެމެރިކާޔާއި ހުޅަނގުން ބޭނުންވެގެން އުޅެނީ ކޮން އެއްޗެއްކަން ވަރަށް ސާފެވެ. ބޭނުންވެގެން އުޅެނީ ޑިމޮކްރަސީއެއް ނޫނެވެ. އެކަން ބޭނުންވިނަމަ ޑިމޮކްރަޓިކް ސަރުކާރެއް ވައްޓައެއްނުލީހެވެ. ބޭނުންވެގެން އުޅެނީ އީރާނުގެ ރައްޔިތުންގެ ރައްކާތެރިކަމެއްވެސް ނޫނެވެ. އެކަން ބޭނުންވާނަމަ ޝާހު ރިޒާއާ ދެކޮޅަށް ނުކުތް މީހުންގެ ތެރެއިން ފަސްދޮޅަސް ހާސް މީހުން މަރައެއް ނުލީހެވެ. ހުޅަނގުން ބޭނުންވާ އެއްޗަކީ ތެލާއި ގޭހެވެ. އީރާނުގެ ގުދުރަތީ މުއްސަނދިކަމެވެ. އެކަން ހާސިލްކުރެވެން އޮތީ އިރާނުގެ މުޅި ނިޒާމު ފުނޑާލައިގެންނެވެ. އީރާނުގެ ރައްޔިތުންގެ ހައްގުތަކޭ، ޑިމޮކްރަސީއޭ ކިޔައިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ބަޔަކު އަޑުއުފުލާނަމަ އެއިން ކޮންމެ މީހަކީ ބައެއްގެ ނުފޫޒުގައި ޖެހިގެން ވަކި އެދުމެއްގައި ހަގީގަތް ފޮރުވާން މަސައްކަތްކުރާ މީހެކެވެ. އެނޫން އެހެންގޮތަކަށް ސިފަކުރެވޭނޭ ގޮތެެއް ނުވިސްނެއެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން