އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލުގައި ހޯސްޓް މޮރޮކޯ ބަލިކޮށް، ސެނެގާލުން ދެވަނަ ފަހަރަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ މޮރޮކޯއާއި ސެނެގާލް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، މޮރޮކޯއަށް ރެފްރީ ދިން ޕެނަލްޓީއެއްގައި ބޮޑު ހައިޖާނު ގަނޑަކަށް ގޮސްފައިވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދީފައިވެއެވެ.

އެއީ ސެނެގާލްގެ ޑިފެންޑަރު އެލް ހާޖީ މަލިކް ޑިއުފް، ބްރަހީމް ޑިއާޒަށް ފައުލް ކުރި ކަމަށް ބުނެ ދިން ޕެނަލްޓީއެކެވެ. 98 ވަނަ މިނެޓުގައި ދިން އެ ޕެނަލްޓީއަށް ސެނެގާލުން ނުރުހުންވެ، ކޯޗު ޕަޕޭ ތިއާއު ވަނީ ކުޅުންތެރިން ދަނޑުން ބާލައިފައެވެ. އެހިސާބުން ސެނެގާލުން އިތުރަށް ނުކުޅެން ތިއްބާ، ކުޅުންތެރިން އަލުން ދަނޑަށް ނެރުނީ ސަޑިއޯ މާނޭ ލީޑު ނަގައިގެންނެވެ.

އަލުން ދަނޑަށް ނުކުމެ، ކުޅުން ފެށީ 114 މިނެޓް ހިނގިފަހުންނެވެ. ޑިއާޒްގެ ޕެނަލްޓީވެސް މެޗު އަލުން ފެށިއިރު، އެ ޕެނަލްޓީ ސެނެގާލް ކީޕަރު މެންޑީ ވަނީ މަތަކޮށްފައެވެ.

އިތުރު ވަގުުތުގެ ކުޅުން ފަށައިގެން، 94 ވަނަ މިނެޓުގައި ސެނެގާލްގެ ހަމައެކަނި ގޯލް ޖަހައިދިނީ ވިލަރެއާލް މިޑްފީލްޑަރު ޕަޕޭ ގޭއީއެވެ.

މެޗުގެ ތެރެއިން ސެނެގާލްގެ އިސްމައިލާ ސާއަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު، އޭނާ ފޮނުވާލި ބޯޅަ ގޯލަށްވެސް ވައްދާލިއެވެ. އެހެން ނަމަވެސް ރެފްރީ ވީއޭއާރް ބަލާފައި ނިންމީ އޭނާ ގޯލަށް ބޯޅަ ވައްދާލުވުމުގެ ކުރިން އަޝްރަފް ހަކީމީއަށް ފައުލް ކޮށްފައި އޮތް ކަމަށެވެ.

މިފަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސެނެގާލްގެ ކެޕްޓަން ބޭންޑްގައި ފައިނަލް ކުޅުނު މާނޭއެވެ. މާނޭ ރޭގެ މެޗަށް ކެޕްޓަން ބޭންޑްގައި ނުކުތީ ކަލިދޫ ކުލިބާލީއަށް ރަތް ކާޑު ދައްކާފައި ހުރުމުންނެވެ. ކުލިބާލީ ތަށި އުފުލާލަން ދިނީވެސް މާނޭއެވެ.