ރާއްޖެއަށް ވަޒީފާ ހޯދަން އަންނަ ބަންގްލަދޭޝް މީހުންނަށް އޮޅުވާލައި، އެމީހުންގެ ނާޖާއިޒް ފައިދާ ނަގާތީ، ބަންގުލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ނަޒްމުލް އިސްލާމް ކަންބޮނޑުވުންފާޅުކޮށްފިއެވެ.

ބަންގުލަދޭޝް ސަރުކާރުން އިއްޔެ ނެރުނު ބަޔާނަކާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ "ބަންގުލަދޭޝް މޮނިޓާ"އިން ރިޕޯޓު ކޮށްފައިވަނީ ރާއްޖޭގައި ހުންނަ ސަފީރުވަނީ ބަންގުލަދޭޝްގެ ރައްޔިތުންނާމެދު ރާއްޖެއިން ކަންތައްކުރާ ގޮތާއިމެދު ކަންބޮނޑުވުން ފާޅުކޮށްފައި ކަމަށެވެ. ސަފީރު އެ ކަންބޮނޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހުއާއެކު ބޭއްވި ބައްދަލުުވުމެއްގައިކަމަށް "ބަންގުލަދޭޝް މޮނިޓާ"އިން ރިޕޯޓުކޮށްފައިވެއެވެ.

ބަންގުލަދޭޝް ރައްޔިތުން ރާއްޖެއަށް ގެންނަނީ ރަނގަޅު ވަޒީފާއެއް ލިބޭނެކަމުގެ ޔަގީންކަން ދީގެން ކަމަށްވިޔަސް ރާއްޖެ އައުމުން އެ ވަޒީފާ ނުދީ އެ މީހުން ވަރަށް ބޮޑަށް ނިކަމެތިކުރާކަމަށް ސަފީރާ ހަވާލާދީ "ބަންގުލަދޭޝް މޮނިޓާ" އިން ރިޕޯޓުކޮށްފައިވެއެވެ.

އެހެންވެ މީހުން ރެކްރޫޓްކުރުމުގައި އޮޅުވާލުމާއި، ހުއްދަ ނޫން ގޮތްތަކަށް އަމަލުކުރުން ހުއްޓުވަން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ސަފީރު އެދިވަޑައިގެންނެވިކަމަށް "ބަންގުލަދޭޝް މޮނިޓާ"އިން ރިޕޯޓުކޮށްފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގުލަދޭޝް މީހުންނަށް ބޭންކިން ހިދުމަތްތައްވެސް ހަރުދަނާ ގޮތެއްގައި ލިބެމުންނުދާތީ އެކަމުގެ ކަންބޮނޑުވުންވެސް ސަފީރުވަނީ ފާޅުކޮށްފައެވެ.