އީރާނުގެ ވެރިކަން ބަދަލުކުރުމަށްފަހު އީރާނުގެ އައު ވެރިޔަކަށް ގެންނަން އެމެރިކާއާއި އިޒްރޭލުން ބޭނުންވާ މީހަކީ މިހާރު އުމުރުން 65 އަހަރުވީ ރިޒާ ޕަހެލަވީއެވެ. އެމީހުން ބުނެއެވެ. އީރާނުގެ ރައްޔިތުންނާއިގެން އުފާފާގަތިކަމުގެ ތެރެއަށް ވަންނާނެ ވެރިޔަކީ މިއީއެވެ. އީރާނުގެ ހަގީގީ ވެރިޔަކީ މިއީއެވެ. ރައްޔިތުން ލޯބިވާ ވެރިޔަކީވެސް މިހިރީއެވެ. މީނާ ބަލައިގަންނާށެވެ. ހުރިހާ ތަދުމަޑުކަމަކާއި ކެކުޅުންތަކުން މިންޖުވާނޭކަން ކަށަވަރެވެ. އެމެރިކާޔާއި އިޒްރޭލުން އީރާނުގެ ރައްޔިތުންނަށް އެދައްކާ ލީޑަރުގެ ހަގީގަތަކީ ކޮބައިހެއްޔެވެ. ބަލައިލަމާބަހީއެވެ. އިސްލާމީ ގައުމެއްގެ ވެރިކަން ކުރަން އެދޭމީހަކު ޔަހޫދީންގެ އެންމެ މުގައްދަސް ފާރުގައި ބޯތަޅައި އަޅުކަންކޮށް މިދުނިޔޭގައި އިޒްރޭލަށް ނަސްެރާއި ނަސީބު ލިބުމަށްއެދި ދުއާކުރާނޭ ބާވައެވެ. ރިޒާ ޕަހެލަވީ ވަނީ 2023 ވަނަ އަހަރުގެ އެޕްރީލް 18 ވަނަ ދުވަހު ގުދުސްގައި ހުންނަ ޔަހޫދީންގެ ގަދީމީ ފާރެއްގައި މިދެންނެވި ބީދައިން ބޯތަޅައި ބޮސްދީ އަޅުކަންކޮށްފައެވެ.
މިދެންނެވި ހުޅަނގުފާރަކީ ޔަހޫދީންގެ އެންމެ މުގައްދަސް ބިނާއެވެ. އެމީހުން ބުނާގޮތުގައި ނުވަތަ ގަބޫލުކުރާ ގޮތުގައި މި ހުޅަނގުފާރަކީ ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލް ހުރިތަނުގައި އެމީހުންގެ ހިރޫދަސް ރަސްގެފާނު ބިނާކުރެއްވި އައު ފައްޅިއެއްގެ އިންފާރެވެ. އެތަނުގައި ޔަހޫދީންނަށް ނަސްރާއި ނަސީބަށް އެދި ދުއާކުރުމަށްފަހު އެތަނުގައި މެހުމާނުން ސޮއިކުރާ ފޮތުގައި ލިޔުނެވެ. އީރާނާއި ބަނީއިސްރާއީލީންގެ ގުޅުމަކީ ވަރަށް ތާރީޚީ ގުޅުމެކެވެ. މިގުޅުން ފެށިފައިއޮތީ ބާބީލްގައި ބަނީ އިސްރާއީލީން ގައިދުވެ އަޅުދާސްވެފައިވަނިކޮށް ފާރިސީންގެ ރަސްގެފާނު ސައިރަސް އެމީހުން މިނިވަން ކުރައްވައި ކަމޭހިއްތެވި ހިސާބުންނެވެ. ސައިރަސް ފަދައިން އަހަރެންނަކީވެސް ފާރިސީއަކީމެވެ. އަހަރެންގެ އުންމީދަކީ ޔަހޫދީންނާއި އިޒްރޭލަށް މެދުއިރުމަތީގައި އަމާންކަމާއި އިހުތިރާމް ހޯދައިދިނުމެވެ. މިމޭރުމުން މީނާ ވާހަކަ ދެއްކިއިރު އެއްފަހަރުވެސް ތިމަންނާއީ މުސްލިމެކޭ ނުބުނެއެވެ. ޖެހިގެންހުރި މަސްޖިދުލް އަގްސާއަކަށްވެސް ނުވަދެއެވެ.
މީނާ ބޯތެޅި ފާރުގެ އެއްބަޔަކީ މުސްލިމުންގެ މެދުގައި ބުރާގުފާރޭ ކިޔުނު ބައިކަމަށްވާއިރު އެތަނުގައި އެއްވެސް ކަމެއް ނުކުރެއެވެ. އީރާނުގެ ވެރިކަން މީނާއަށް ލިބުނީމާ އެންމެ އަވަހަށްވެސް ކުރާނޭ ކަންކަމުގެ ވާހަކަ މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި މީނާ ވަނީ ހާމަކޮށްފައެވެ. ބުންޏެވެ. އެންމެ ފުރަތަމަވެސް ކުރާނޭ ކަމަކީ ދީނާއި ދައުލަތް ވަކިކުރުމެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމް ހުއްޓައިލުމެވެ. ދެން އިޒްރޭލާ ގުޅުން ގާއިމުކޮށް އީރާނުގެ އެންމެ ގާތް ބައިވެރިޔަކީ އިޒްރޭލް ކަމަށް ހެދުމެވެ. ކޮންމެއަކަސް މި ރިޒާއެއްގެ ބަސްމަގާއި ސިޔާސަތު ހުރީ މިފަދަޔަކުންނެވެ. ހުޅަނގުގެ ގައުމުތަކުން ހޭބޯނާރައިތިބެ މަރުފަލި ޖަހަމުން އެގެންދަނީ މީނާ އީރާނުގެ ވެރިކަމަށް ލުމަށެވެ. އެބުނާ ފާރިސީންގެ ގަދީމީ ރަސްގެފާނު ސައިރަސް ފަދައިން މީނާއަކީވެސް ފާރިސީންގެ މިޒަމާނުގެ ރަސްގެފާނު ކަމަށް ހެދުމަށެވެ. ކިޔާމީހުން ކިޔަނީ މީނާއަކީ މިހާރުވެސް އީރާނުގެ ވަލީއަހުދު ކަމުގައެވެ.
ވަލީއަހުދޭ އެކިޔަނީ ސަބަބެއް އޮވެގެންނެވެ. އީރާނަށް 1979 ވަނަ އަހަރު އިސްލާމީ އިންގިލާބު އައިސް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ހަމަޔަށް މީނާއަކީ ވަލީއަހުދެވެ. މީނާގެ ބަފައި ޝާހު މުހައްމަދު ރިޒާ ޕަހެލަވީއަކީ ރަސްގެފާނެވެ. މިއީ އެ ޝާހުގެ އެންމެ ދޮށީ ފިރިހެންދަރި އެވެ. މީނާގެ އުމުރުން އެންމެ ހަތް އަހަރުގައި 1967 ވަނަ އަހަރު ވަލީއަހުދަކަށް އައްޔަން ކުރެވުނުގޮތަށް 1979 ވަނަ އަހަރު ރަސްކަން ނިމެންދެންވެސް ވަލީއަހުދަކީ މީނާއެވެ. އެހެންވީމާ ދެން ވަރަށްވެސް ވަލީއަހުދުކަން ބޮޑުވެފައި ޝާހީ ވާނެތާއެވެ. ބައްޕަގެ ރަސްކަން ފުރޮޅައިލެވުނުއިރު މީނާގެ އުމުރަކީ 19 އަހަރެވެ. އެހާދިސާ ހިނގިއިރު މީނާ ހުރީ އެމެރިކާގައެވެ. އީރާނުގެ ޝާހީ އެއަރފޯހުގެ ޕައިލެޓަކަށް ވުމަށް ތަމްރީނު ހޯދުމަށްޓަކައެވެ. އެ ތަމްރީނުތައްވެސް ނުނިންމައި ދެން ދިޔައީ ފްރާންސަށެވެ. މިހާރު ދިރިއުޅެމުންދަނީ އެތަނުގައެވެ. ފަރަންސޭސި ސަރުކާރުގެ ފުރިހަމަ ހިމާޔަތުގެ ދަށުގައެވެ.
ރިޒާ ޕަހެލަވީއަކީ އެންމެ ޅައިރުއްސުރެ ގަނޑުވަރުތެރޭގައި ތަރުބިއްޔަތުގެ ގޮތުން ހަލާކުވެފައި ހުރި ދަރިއެކެވެ. މީނާ ޕައިލެޓަކަށް ހެދުމަކީ މީނާގެ މަންމަ ފަރަހަ ދީބާގެ ހުވަފެނެކެވެ. ވަރަށް ކުޑައިރު ޕައިލެޓްކަން ދަސްކޮށްފިއޭ ބުނެވެއެވެ. އެންމެ ފުރަތަމަ އަމިއްލައަށް ޕައިލެޓްކަން ކުރިކަމަށް ވަނީ އުމުރުން އެގާރަ އަހަރުގައެވެ. ރަސްމީކޮށް ޕައިލެޓް ލައިސަންސް ލިބުނީ އޭގެ އެއްއަހަރު ފަހުން އުމުރުން ބާރަ އަހަރުގައެވެ. ފަރަހަ ދީބާޔާއި ޝާހު ރިޒާގެ އެހެން ތިން ދަރިއަކުވެސް ތިބެއެވެ. ފަރަހަނާޒަކާއި ލައިލާޔަކާއި އަލީ ރިޒާއެކެވެ. ދަރިޔަކު ނުލިބި ތިއްބައި އެންމެ އަލަށް ލިބުނު ދަރިއަކީ މީނާއެވެ. އެހެންވެ ވީ އުފަލެއްގެ ބޮޑުކަމުން ޝާހު މުހައްމަދު ރިޒާ ވަނީ އީރާނުގެ ޖަލުތަކުގައި ތިބި ސިޔާސީ ކުށްވެރިންގެ ތެރެއިން 98 މީހަކަށް މާފުދީ މިނިވަން ކޮށްފައެވެ. އީރާނުގެ ރައްޔިތުން ދައްކަންޖެހޭ އާމްދަނީ ޓެކުހުން ވިހި އިންސައްތަ އުނިކޮަށްފައެވެ. މިދަރިޔަކު ތައުލީމު ހާސިލުކުރި ސްކޫލެއްގެ ވާހަކަ ބަޔާންކުރުންވެސް މުހިންމެވެ.
އެއީ އެހެން އެއްވެސް މީހަކު ނުވަތަ ބަޔަކު އޭގެކުރިންވެސް އަދި ފަހުންވެސް ތައުލީމު ހާސިލް ނުކުރާ ސްކޫލެކެވެ. އެ ސްކޫލަކީ ރިޒާ ޕަހެލަވީ ސްކޫލެވެ. މީނާއަށް ކިޔަވައިދިނުމަށް ޝާހީ ގަނޑުވަރުގެ ތެރޭގައި ޚާއްސަގޮތަކުން ގާއިމުކުރެވުނު ސްކޫލެކެވެ. އެތަނުގައި އުސްތާޒުންވެސް ތިބެނީ ދަރިވަރު ކުއްޖާ ދެކެ ބިރުންނެވެ. އޭނާ ކިޔަވަނީ ކިޔަވާނެ އެއްޗެކެވެ. ހަދަނީ ހަދާނެ އެއްޗެކެވެ. އެހެންވީމާ ދުނިޔެއާއި އާޚިރަތުގެ ކަންކަން މީނާއަށް މޭރުންވެފައި ނެތުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއްވެސް ނޫނެވެ. ނަތަންޔާހޫއަކީ ހިރޫދަސް ރަސްގެފާނު ކަމަށް އަދި މީނާޔަކީ ސައިރަސް ރަސްގެފާނު ކަމަށް ހީވުމަކީވެސް އަޖައިބެއް ނޫނެވެ. އަދިކިޔެއްތަ އެބުނާ ހުޅަނގުފާރުގައި ބޯތަޅައި ލޭކޮށައިލީމާ މީނާގެ ގަދަރާއި އިއްޒަތް އުފުލި އީރާނުގެ ޝެހެންޝާހުގެ ތަޚުތު މީނާއަށް ހައްގުވެ ނިމުނީކަމަށް ހީވުމަކީވެސް ހަމަވެދާނޭ ކަމެކެވެ. ދެންއޮތީ މީނާގެ ހުވަފެން ހަގީގަތަކަށް ވެދާނޭތޯ ކުރެވޭ ސުވާލެވެ. އީރާނުގެ ރައްޔިތުން ބުރާންތިވެފައި ނެތިއްޔާ އެއީ މުސްތަހީލު ކަމެކެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން