ސާފް އަންހެން ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުގައި ޕާކިސްތާން ކައިރިން 3-1 އިން ބަލިވެއްޖެއެވެ.

ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ ސާފް އަންހެން ފުޓްސަލް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭން މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެހެންނަމަވެސް ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުން މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރަމުންދާ އިރު، މިފަހަރުގެ މުބާރާތަށް ދިޔައީވެސް އިންޑޯއެއްގައި ޕްރެކްޓިސް ކުރަން ނުލިބިއެވެ.

އިންޑޯއަށް ހޭނެން ޓީމަށް ވަގުތު ނަގާފައިވާ އިރު، ފުރަތަމަ މެޗުގައި އިންޑިއާ ކައިރިން ރާއްޖެ ބަލިވީ 11-1 އިންނެވެ. އޭގެފަހުން ނޭޕާލް ކައިރިން ބަލިވީ 5-0 އިންނެވެ.

ޕާކިސްތާނުން މިއަދުގެ މެޗަށް ނުކުތީ ހަތަރު ޕޮއިންޓާއެކުގައެވެ. އެއީ ބޫޓާނާ 1-1 އިން އެއްވަރުކޮށް، 3-2 އިން ސްރީ ލަންކާ ބަލިކޮށްފައި އޮވެގެންނެވެ.

މިރޭ ޕާކިސްތާނުން ރާއްޖެ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ޕާކިސްތާނުން މެޗުގެ ލީޑު ނެގީ އަޒްވާ ޗޯދުރީ ޖެހި ގޯލުންނެވެ. އޭގެފަހުން ރާއްޖޭގެ އެޓޭކްތައް ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭން ގޯލްވެސް ޖެހިއެވެ. ލިބުނު ހިލޭ ޖެހުމެއްގައި ރާއްޖޭގެ ގޯލް ޖަހައިދިނީ މަރިޔަމް ނޫރާއެވެ. ޕާކިސްތާނުން ހާފު ނިމުމުގެ ކުރިން ޒަހްރާ ބޮހާރީ ޖެހި ގޯލުން އަލުން ލީޑު ނެގި އިރު، ދެވަނަ ހާފުގައި ގޯލް ޖަހައިދިނީ އަންމޫލް ހިރާއެވެ.

ދެވަނަ ހާފުގައި ރާއްޖޭން ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، ޕާކިސްތާނުގެ ކީޕަރު ގަޒާލާ އާމިރު ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.