މަޖީދީ މަގުން، ރަށްދެބައި މަގުގައި ހުންނަ މަސްޖިދް ޔޫސުފުލް ބަރުބަރީ މިސްކިތުގެ އާ އިމާރާތް ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ނިންމައި، ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެ މިސްކިތުގައި ގާތްގަނޑަކަށް 1،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ބަރުބަރީ މިސްކިތް ތަޅާލައި އެ މިސްކިތް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަަހަރުގެ ޑިސެމްބަރު މަހުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް މާލެ އާއި އެކި ރަށްރަށުގައި އަލަށް ހުޅުވާނެއެވެ.