އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (ސީސީ) އިން ބުނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެ އިންތިހާބުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ފެބްރުއަރީ އެއްވަނަ ދުވަހު މެންދުރުފަހު 3:30 އަށް ހަމަވާނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސްކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް އެމީހަކު އަމިއްލައަށް އެމީހެއްގެ އީފާހުން ކަމަށެވެ.

ޒާހިދު ވިދާޅުވީ، ކޮންމެ މީހަކުވެސް ފޯމު ހުށަހެޅޭނީ، އީ ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ އަމިއްލަ ވެރިފައިޑް އީފާސްއިން ކަމަށެވެ.

ނަމަވެސް އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ފޯމް ބަލައިގަންނަމުންދާނެ ކަމަށް އީސީން ބުންޏެވެ.

"ޕޯޓަލްއަށް ވަނީމަ އަންނާނެ އަމިއްލަ ގޮތުންތޯ ނުވަތަ ޕާޓީއެއް ގޮތަށް ހުށަހަޅާނީތޯ، އަމިއްލަ ގޮތަށް ހުށަހަޅާނަމަ ވަކި ހިސާބަކުން އަންނާނެ ތާއީދު އޮތްތޯ، ބަލަންޖެހޭ 50 މީހުން އޮތްތޯ ބެލުމުގެ ބައެއް، އެކަންވެސް ކުރެވޭނީ ޕޯޓަލް މެދުވެރިކޮށް، އެގޮތުން ތާއީދު ކުރާ ކަމަށްބުނާ މީހާގެ ނަމާއި އައިޑީ ނަމްބަރު ޖެހުމުން، އެމީހާއަށް މެސެޖެއްދާނެ، ދެން އޭނާ އެކްސެޕްޓް ކުރުމުން، އެގޮތަށް 50 މީހުން ހަމަވަމުންދާތަން ކެނޑިޑޭޓަށް ޕޯޓަލް އިން ފެންނަމުންދާނީ،"

ނަމަވެސް ހަމަ އެގޮތަށް ޕާޓީއަކުން ކުރިމަތިލާނަމަ ޕާޓީން ކުރިމަތިލާ ކެނޑިޑޭޓެއްގެ ގޮތުގައި ފޯމު ފުރުން ކުރިއަށް ގެންދެވޭނެ ކަމަށާއި ނަމަވެސް ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓްގެ ފޯރު ފުރިހަމަ ކުރެވޭނީ ސިމަދަ ޕޯޓަލް މެދުވެރިކޮށް، އެ މީހަކީ އެ ޕާޓީގެ ކެނޑިޑޭޓެެއް ކަމަށް އެ ޕާޓީން އެކްސެޕްޓް ކުރުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކަންޖެހޭގޮތަށް ހަމަޖެހިފައިވަނީ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

މި އިންތިހާބުގައި ކައުންސިލްތަކުގެ ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުންނެވެ.

އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމުލަ 1356 މެންބަރުން އިންތިހާބު ކުރާނެއެވެ.

އީސީން ބުނީ ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.

މި އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މިފަހަރުގެ އިންތިހާބުގައި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ ދެ ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.