ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތްތައް ހުއްޓާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.

އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ މިރޭ 12:00 ގެ ކުރިން ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތްކުރުން ހުއްޓާލުމަށް ނުވަތަ އެފަދަ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް އެ މަސައްކަތްތައް ބަދަލުކުރުމަށް އަންގާ ކަމަށެވެ.

"ހުޅުމާލެ ފަޅުތެރޭ އޮޑިދޯނިފަހަރުތަކުގައި ފައިބަރު މަސައްކަތްކުރަމުންގެންދާކަން މި ކޯޕަރޭޝަނަށް ވަނީ ފާހަަކުރެވިފައި. މިއީ ތިމާވެއްޓާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަކަށްވާތީ، ހުޅުމާލެ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތްތައް ކުރުމަކީ މަނާކަމެއް،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.

އެޗްޑީސީން އިތުރަށް ބުނީ އެފަދަ މަސައްކަތްތައް ހުއްޓާނުލާނަމަ މެރިން ޕޮލިހާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ކަމަށެވެ.

ފައިބަރު މަސައްކަތް ކުރާ ތަންތަނަށް މާބަނޑު މީހުންނާއި ކުޑަކުދީން ވަނުން މަނާކޮށް "ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަން ޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ބެހޭ ގަވައިދު" މިދިޔަ އަހަރުގެ ޖެނުއަރީ 30 ގައި ވަނީ އާންމުކޮށްފައެވެ.

ވިލިމާލެ ބީޗުގައި ފައިބަރު މަސައްކަތްކުރުމާ ދެކޮޅަށް ޝުއޫރުފާޅުކުރުމަށް ބަހައްޓާފައި ހުރި ބޯޑެއް ---- ފޮޓޯ: ސޯޝަލް މީޑިއާ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެޒެޓުގައި އާންމުކުރި އެ ގަވައިދުގެ މަގުސަދަކީ ފައިބަރު މަސައްކަތްކުރާ ތަންތަނުގައި ސިއްހީ ގޮތުން ރައްކާތެރި މިންގަނޑެއްގެ ކަށަވަރުކޮށް، އެ މަސައްކަތުގައި ބޭނުންކުރާ ނުރައްކާތެރި ކެމިކަލްތަކުން އާންމު ރައްޔިތުންނާއި ތިމާވެށި ސަލާމަތް ކުރުމެވެ. އަދި އެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ގަވައިދާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކޮށް ފިޔަވަޅު އެޅުމެވެ.

ގަވައިދުގައިވާ ގޮތުން ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން ސަލާމަތީ ފާހަގަތައް ރަނގަޅަށް ފެންނަ ގޮތަށް ބޯޑުތައް ޖަހައިފައި ހުންނަންވާނެއެވެ.

"ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ބެހޭ ގަވާއިދު" ގައި ވަނީ ފައިބަރުގެ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުުވައި ފިޔަވަޅު އަޅާނެ ހާލަތްތައް ބަޔާންކޮށްފައެވެ.

މީހުން ދިރިއުޅޭ ސަރަހައްދެއްގައި ނުވަތަ ގޯތިތަކާއި ބަނދަރުގައި ފައިބަރު މަސައްކަތް ކުރާނަމަ އެޗްޕީއޭގެ، ހެލްތު އެންޑް ސޭޕްޓީ އިންސްޕެކްޝަނަށް ބިނާކޮށް އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ހުއްދަ ނަގަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.

ނައްތާލެވޭ ފައިބަރު ޝީޓާއި ފައިބަރު ކުނޑި އާއި ތަނުގައި ބޭނުންކުރާ އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ކުނި މެނޭޖްކުރުމުގެ ގަވައިދުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތާލުމަށް ވެސް ވަނީ ލާޒިމުކޮށްފައެވެ. އެފަދަ ތަކެތި ނައްތާލުމަކީ އެތަނެއްގެ ވެރި ފަރާތެއްގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ފައިބަރު މަސައްކަތްކުރާ ތަންތަނުގައި އެތަނެއްގެ މުވައްޒަފުންގެ ސަފުތާހިރުވުމަށް އަތްދޮވުމާއި ފާހާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަންވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެތަންތަނުގައި ވެންޓިލޭޝަން ސިސްޓަމް ގާއިމުކޮށްފައި ހުރުމާއި ކެމިކަލް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މިވަގުތު އެ މިންގަނޑުތައް ނެތް ނަމަވެސް ސިއްހީ ރައްކާތެރިކަމުގެ މިންގަނޑަށް ފެއްތުމަށް ހަ މަސް ދުވަހުގެ މުއްދަތެއް "ފައިބަރުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކައުތެރިކަމުގެ މިންގަނޑުތަކާ ބެހޭ ގަވާއިދު"ގެ ދަށުން ވަނީ ދީފައެވެ.

ގަވާއިދުގައިވާ ކަންކަމަށް އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ 2000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެޗްޕީއޭއަށް ވަނީ ދީފައެވެ.

މާލޭ ސަރަހައްދުން ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރަމުންދިޔަ ނަމަވެސް، އެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.