ރާއްޖޭން ރަޝިއާއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް، ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް އިއްޔެ އަރުއްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަބްދުއްރަހީމް ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޕުޓިންއަށް އަރުވާފައިވަނީ މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮއެދުންތައް ޕުޓިންއަށް އަރިސްކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރަޝިއާއަށް ރާއްޖޭން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އަބްދުއްރަހީމް މިހާރު ހުންނެވީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައެވެ.

ރާއްޖެއާއި ރަޝިއާ އާދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.