އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ތަކުގެ އިންތިހާބުގެ ކަންކަމުގައި ލަފާދިނުމަށް އެކުލަވާލާފައިވާ، ގައުމީ ލަފާދޭ ކޮމިޓީގައި 21 މުއައްސަސާއަކުން 32 މެންބަރުން ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ތައްޔާރީތަކާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒާހިދު ވިދާޅުވީ، އެ ކޮމިޓީގައި، އިންތިހާބުތަކާ ގުޅުންހުރި ކޮމިޝަންތަކާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، މިނިވަން މުސްތަގިއްލު ކޮމިޝަންތަކާއި، ޖަމިއްޔާ ޖަމާއަތްތައް އަދި ސިޔާސީ ޕާޓީތަކުން މެންބަރުން ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކޮމިޓީގައި ހިމެނެނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ޓްރާންސް ޕޭރެންސީއާއި، ވެސްޓް މިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީކަމަށް ޒާހިދު ވިދާޅުވިއެވެ.

ނަމަވެސް ޒާހިދު ވިދާޅުވީ، ސިޔާސީ އެއް ޕާޓީއަކުން އެ ކޮމިޓީގައި ބައިވެރިވާން ބޭނުން ނުވާކަމަށް ބުނެފައިވުމުން އެކަމާ ދެރަވާކަމަށެވެ.

އެ ކޮމިޓީގައި ބައިވެރިވާން ބޭނުންނުވާކަމަށް ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ (ޕީއެންއެފް)އިންކަމަށް ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު ބާއްވާފައިވާ ކަމަށެވެ.