އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަދު ބުނީ އެއީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެދި އެ އޮފީހަށް ހުށަހެޅީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށެވެ.
އެ ހިދުމަތުން ހުށަހެޅި ކިތައް ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ" އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް އެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށް ފެންނަ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަވާ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށް ފާހަގަވެފައިވާ ނުވަ މީހަކު އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައަޅައިދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި ހުށަހެޅުމާއެކު އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި "ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ހައިކޯޓުގައި ވަނީ އެދިފައެވެ.
މިއީ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހި ފުލުހުންގެ ހިދުމަތުން ޕީޖީ އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ މައްސަލައެވެ.
މީގެކުރީގެ ހުށަހެޅުން ޕީޖީ އޮފީހުން ދިރާސާކޮށް ބެލި އިރު، ގޭންގެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ތަހުގީގު ފުރިހަމަނުވާތީ އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން ދިވެހި ފުލުހުންގެ ހިދުމަތަށް ވަނީ އަނބުރާ ފޮނުވާލައިފައެވެ.
އިބްރާހިމް ޒަކީ
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް