ރާއްޖެއަށް 60 ފަހަރަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ޓޫރިސްޓު ދެމަފިރިއަކު ރާއްޖޭގައި މަރުވި ހާދިސާގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަވެފައި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އއ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ފަތުރުވެރިއެއް ކަމަށްވާ އެލައިނީ ރިޗްމޮންޑް (70އ)، 2025 ޑިސެމްބަރު 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ފިރިމީހާއާ އެކު އެރިސޯޓުގެ ފަރުކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް އެސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ.
އަދި އޭނާގެ ފިރިމީހާ މެލްކަމް ރިޗްމަންޑް ޑިސެމްބަރު 21 ވަނަ ދުވަހު އެނބުރި ގައުމަށް ދިއުމަށްޓަކައި އެއާޕޯޓަށް ފުރަން ގޮސް ހުއްޓައި ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން އެއާޕޯޓް ކްލިނިކްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރު 24 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
"މި ދެ މީހުން ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވެއެވެ." ފުލުހުން ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގެ "ޑެއިލީ މެއިލް ނޫހުން" ރިޕޯޓުކޮށްފައިވާ ގޮތުގައި އެދެމަފިިރިންގެ ޖަނާޒާ މި މަހު 29ގައި އެގައުމުގައި ބާއްވަން ވަނީ ނިންމައިފައެވެ.
"ހޮލިޑޭމޭކާސް" ކިޔާ ފޭސްބުކް ގްރޫޕެއްގައި އެ ދެމަފިރިންނާ ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ގްރޫޕްގެ އެ ދެ މެންބަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އެ ދެމެފަރިން މަރުވުމަކީ އެއްލައިދޫ ގްރޫޕަށް އަދި އެތައް ބަޔަކު ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ 17 އަހަރު އެ ދެމަފިރިން ކްރިސްމަސް ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ތިން ފަހަރު ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެ ރިސޯޓުގެ މުވައްޒަފުންނާ އެމީހުންނާ ދެމެދު ގާތް ގުޅުމެއް އޮންނަކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު