ޑޮކްޓަރުންގެ ލަފާޔާ ނުލައި އެންޓިބަޔޮޓިކް ބޭނުން ނުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އަންގާރަ ދުވަހު ޕީއެސްއެމް ނިއުސް "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ކޮންސަލްޓަންޓް ސަބްސެޕްޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން ޑރ. ނަޒްމީ އަބްދުލް ލަތީފް ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ހަލުވިކޮށް ފެތުރެމުން އަންނަނީ ޑެންގޫ އާއި އާންމުކޮށް ޖެހޭ ރޯގާ އަދި އިންފުލުއެންޒާ ކަމަށެވެ.
މި ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ނޭވާ ކުރުވުމާއި ކެއްސުން އަދި ކަރަށް ތަދުވުން ފަދަ އަލާމާތްތައް ދިމާވާނެ ކަމަށެވެ.
"އިންފުލުއެންޒާގައި ވަރަށް ގަދަޔަށް ހުން އަންނާނެ. ވަރަށް ގަދަޔަށް ނޭވާލުމުގެ ނިޒާމުވެސް އިންވޯލްވާ ބައްޔެއް އިންފުލުއެންޒާއަކީ. އަދި މާ ބޮޑަށް ސީރިޔަސް ވެއްޖެއްޔާމުން ހޭވެރިކަމަށްވެސް އޭގެ އަސަރުކޮށްފާނެ. ކޮމަންކޯލްޑްގައި އާންުމުކޮށް ހުންނައިސްވެސް ހިނގައިދާނެ. އާންމުކޮށް ކެއްސުންވެސް ވަރަށް މައިލްޑްކޮށްދާނީ. ވަރަށް އަވަހަށް ރަނގަޅުވެސް ވެދާނެ. އިންފްލުއެންޒާގައި އެޔާ ހިލާފަށް ތަންކޮޅެއް ބޮޑަށް ސިމްޓަމްސްތައް އަންނަގޮތްވާނީ." ޑރ. ނަޒްމީ ވިދާޅުވިއެވެ.
މި ބަލީގައި އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އަލާމާތައް ނުފެނި ދިއުމަކީވެސް އެކަށީގެންވާ ކަމެއް ކަމުން އެފަދަ ފަރާތްތަކާމެދު ބޮޑަށް ސަމާލުވުން މުހިންމު ކަމަށާއި ނޭވާލާން އުނދަގޫވެ، ހުން ގަދަޔަށް އަންނަނަމަވެސް ވީހާވެސް އަވަހަކަށް ޑޮކްޓަރުގެ ލަފާހޯދުން މުހިންމު ކަމަށްވެސް ޑރ. ނަޒްމީ ވިދާޅުވިއެވެ.
"އެންޓިބަޔޮޓިކްސް އަސްލު ބެކްޓީރިއަލް އިންފެކްޝަންއެއް ކަމަށް ޔަގީން ނުވާ ހިނދަކު ބޭނުން ކުރުމަކީ ބުއްދިވެރި ކަމެއްނޫން، އަދި ރެކޮމެންޑެޑް ކަމެއްވެސް ނޫން. އެހެންވީމައި އާންމުކޮށް ވައިރަލް ރޯގައިތައް ހުންނާނީ ދެން، ވައިރަލް ރޯގައި ރަނގަޅު ވަމުން ދާއިރު ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންއެއްވެސް ފަހުން ޖެހިދާނެ" ޑރ.ނަޒްމީ ވިދާޅުވިއެވެ.
ޑރ. ނަޒްމީ ވިދާޅުވީ، ގޭގައި ދެވޭނެ ފަރުވާގެ ތެރޭގައި ރަނގަޅަށް ރެސްޓުކުރުމާއި ގިނަގިނައިން ފެންބުއިމުގެ އިތުރުން އާންމުކޮށް ބޭނުންކުރާ ޕެެރެސެޓަމޯލްފަދަ ބޭސް ބޭނުންކުރުމާއި ކޮވިޑް-19 ގައި ކަންކުރިގޮތަށް ދެމީހުންގެ ދޭތެރޭގައި ހަ ފޫޓުގެ ދުރުމުން ބެހެއްޓުން މުހިންމު ކަމަށެވެ.
"ރޯގާޖެހިފައި ބައެއް މީހުން ދިގުމުއްދަތަކަށް ކެއްސަނީ، އެއީ ފުއްޕާމޭގެ ނޭވާ ހޮޅިތައް ދުޅަވާގޮތްވަނީ އެހެންބޭފުޅުންނަށް ވުރެ ބޮޑަށް. އޭގެ ސަބަބުން ކެއްސުން ދިގުލައިގެން ދަނީ. ހާއްސަކޮށް ފުއްޕާމޭގެ ބަލިތައް. ނޭވާ ހިއްލުން. ސީއޯޕީޑީ ހެދުމުން ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނަށް ހާއްސަކޮށް މިކަންތައް މިހެންދިމާވޭ." ޑރ. ނަޒްމީ ވިދާޅުވިއެވެ.
މި ބަލިތައް ހުންނަ ފަރާތްތަކުގެ ޑޯޒުތައްވެސް ޑޮކްޓަރުން މަތިކުރާނެ ކަމަށާއި އިންހޭލާގެ ޑޯޒްވެސް މަތިވާނެ ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތަކުންވެސް ޑޮކްޓަރަށް ދައްކައިގެން ފަރުވާގެ ކަންކަން ކުރިޔަށް ގެންދަން ޑރ. ނަޒްމީ އިލްތިމާސްކުރެއްވިއެވެ. އަދި އެފަރާތްތަކުން ހިރަފުހާ ދުރުގައި އުޅުމަށްވެސް ޑރ. ނަޒްމީ ލަފާދެއްވިއެވެ.
ފާތިމަތު ލިއުޝާ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)