ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ކާލް އާބަން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ދަ ބްލަފް" ގެ ރަސްމީ ޓްރެއިލާ ބުދަ ދުވަހު އާންމުކޮށްފިއެވެ. ޕްރައިމް ވީޑިއޯގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމުކުރި ދެ މިނެޓަށް ވުރެ ދިގު މި ޓްރެއިލާއިން ފެނިގެންދަނީ ޕްރިޔަންކާގެ ކުރީން ނުފެންނަ ފަދަ ވަރުގަދަ އެކްޝަން މަންޒަރުތަކެކެވެ.
މި ފިލްމުގައި ޕްރިޔަންކާ ކުޅެނީ ކުރީގެ ކަނޑުފޭރޭ މީހެއްގެ ރޯލެވެ. "ބްލަޑީ މޭރީ" ގެ ނަމުން ނިސްބަތްކުރާ މި ކެރެކްޓާ އަކީ އޭނާގެ މާޒީގެ ކަންތައްތަކާ އަލުން ކުރިމަތިލާން ޖެހިފައިވާ މީހެކެވެ. ޓްރެއިލާގައި، ކާލް އާބަންގެ ކެރެކްޓާ އިސްވެ އޮވެ ޕްރިޔަންކާ އާއި އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށްޓަކައި ހަތިޔާރެއް ނެތި އަތުންނާއި، ވަޅި، ހިލަ އަދި ކަނޑި ބޭނުންކޮށްގެން ކުރާ ވަރުގަދަ ހަނގުރާމަތައް ވަނީ ދައްކާލާފައެވެ.
ޓްރެއިލާ އާންމުވުމާއެކު ޕްރިޔަންކާގެ ސަޕޯޓަރުން އަންނަނީ އޭނާގެ އެކްޓިންއަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. ބައެއް ފޭނުން އޭނާ އަކީ "އެބްސޮލިއުޓް އަލްފާ" އެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، މި ފިލްމުން އޭނާއަށް އޮސްކާ އެވޯޑެއް ހައްގުވާ ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. އަދި ހުޅަނގުގެ ސިނަމާއިން ޕްރިޔަންކާއަށް ހައްގު މަގާމު ލިބެމުންދާތީ ސަޕޯޓަރުން ވަނީ އުފާ ފާޅުކޮށްފައެވެ.
ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެމޭޒަން އެމްޖީއެމް ސްޓޫޑިއޯސް އާއި ރޫސޯ ބްރަދާސްގެ އޭޖީބީއޯ ބެނާގެ ދަށުން އުފައްދާ ފިލްމެކެވެ. ޕްރިޔަންކާ އާއި ކާލް އާބަންގެ އިތުރުން މަޝްހޫރު އެކްޓަރު ޓެމުއެރާ މޮރިސަން ވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމު ޕްރައިމް ވީޑިއޯގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ދާދި ފަހުން ބުނީ، މިއީ 1700 ގެ އަހަރުތަކުގައި ކަނޑުފޭރޭ މީހުންގެ ދިރިއުޅުން އުޅުނު ގޮތް ހަގީގީ ސިފައެއްގައި ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. އަދި މިއީ "ޕައިރެޓްސް އޮފް ދަ ކެރީބިއަން" ފަދަ ހިޔާލީ ފިލްމަކަށް ވުރެ ބޮޑަށް، އޭރުގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ. މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ އޮސްޓްރޭލިއާގައެވެ. ނަމަވެސް ފިލްމުގެ މަންޒަރުތައް ސިފަކޮށްދެނީ ކޭމަން އައިލެންޑްސްގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް