އީރާނުގެ ސަލާމަތީ މަސްރަހު ގޯސްވެ، މުޒާހަރާތައް އިތުރުވަމުންދިއުމާއި، ސަރަހައްދީ ނުތަނަވަސްކަން ބޮޑުވަމުންދާތީ، އެ ގައުމުގައި ތިބި އިންޑިއާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފޭބުމަށް އިންޑިއާ ސަރުކާރުން އަންގައިފިއެވެ.
އީރާންގެ ވެރިރަށް ތެހެރާނުގައި ހުންނަ އިންޑިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، އީރާނުގެ ސަލާމަތީ ހާލަތު ވަރަށް އަވަހަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
އެހެންވެ، އީރާންގައި ތިބި އިންޑިއާގެ ކިޔަވާކުދިންނާއި، ފަތުރުވެރިންނާއި، ވިޔަފާރިވެރިންގެ އިތުރުން އެކި ބޭނުންތަކަށް ޒިޔާރަތްކޮށްގެން ތިބި މީހުންވެސް، ވީހާވެސް އަވަހަކަށް ވައިގެ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ގައުމުން ފޭބުމަށް އިލްތިމާސްކުރާ ކަމަށެވެ.
އިންޑިއާ އެމްބަސީން އެގޮތަށް ބަޔާން ނެރެފައިވަނީ އީރާނުގެ އިގްތިސޯދީ ދަތިތަކާއި ސިޔާސީ ހަލަބޮލިކަމާ ގުޅިގެން އެ ގައުމުގެ އެކި ސިޓީތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް ސަރަޙައްދުތަކުގައި އެ މުޒާހަރާތައް ވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެހެންވެ އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
އީރާންގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މި މުޒާހަރާތަކަށް އެމެރިކާއިންވަނީ ތާއީދުކޮށްފައެވެ. އެމެރިކާއިންވަނީ އީރާންގެ ސަރުކާރާ ދެކޮޅަށް އަސްކަރީ ރައްދެއް ދީފާނެކަމުގެ އިންޒާރުވެސް ދީފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ