ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޕާކިސްތާން ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.
ތައިލެންޑްގެ ނޮންތަންބުރީގައި ސާފް ފިރިހެން ފުޓްސަލް ޗެމްޕިއަންޝިޕް މިއަދު ފަށާފައިވާ އިރު، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން ބަލިކުރީ 7-1 ގެ ނަތީޖާއަކުންނެވެ.
މިފަހަރުގެ މުބާރާތަކީ ސާފުން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މުބާރާތުގައި ރާއްޖޭގެ އިތުރުން ޕާކިސްތާނާއި ބަންގްލަދޭޝް، އިންޑިއާ، ނޭޕާލްގެ އިތުރުން ބޫޓާން އަދި ސްރީ ލަންކާ ވާދަކުރަމުންދާ އިރު، ޗެމްޕިއަންކަން ލިބިގެންދާނީ ލީގު އުސޫލުން ކުޅެ، އެއްވަނައިގައި އޮންނަ ޓީމަށެވެ.
ރާއްޖޭން މެޗު ރަނގަޅަށް ފަށާފައިވާ އިރު، 12 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ އަހުމަދު ހަމީދު (އަންމަޑޭ) އެވެ. އޭގެ އިރުކޮޅެއްފަހުން ރަނގަޅު އެޓޭކަކާއެކު އަލީ ޝިޔާހް (ޝިޔާ) ރާއްޖެއަށް ލީޑު ފުޅާކޮށްދީފައިވާ އިރު، ފުރަތަމަ ހާފުގައި ރާއްޖޭން އިތުރަށް ކުޅުން ރަނގަޅުކުރިއެވެ.
ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އިތުރު ގޯލެއް ޖަހައިދިން އިރު، ޕާކިސްތާނުން އެހިސާބުން ކުރިއަށް ޖެހެން މަސައްކަތް ކުރިއެވެ. ޕަވާ ޕްލޭގައި ކުރިއަށް ޖެހިގެން ގޯލަކަށް މަސައްކަތް ކުރަނިކޮށް، ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) ވަނީ ޕާކިސްތާނުގެ ނުރައްކާތެރި ހަމަލާއެއް މަތަކޮށް، އެއްފަރުން ގޯލަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައެވެ.
އެއާއެކު ރާއްޖޭން ހަތަރު ގޯލްގެ ލީޑެއްގައި އޮތް އިރު، ޕާކިސްތާނު ފަސް ފައުލް ހަމަވެ ދުރު ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީގައި ލީޑު ފުޅާކޮށްދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
ދެވަނަ ހާފު ފެށިގެންވެސް ޕާކިސްތާނުން މަސައްކަތް ކުރީ ޕަވާ ޕްލޭގެ ބޭނުން ކޮށް، އެޓޭކް ކުރުމަށެވެ. އޭގެ ނަތީޖާ އެޓީމަށް ފެނުނީ ގޯސްކޮށެވެ. ލިބުނު ބޯޅައިގައި ރާއްޖޭން ލީޑު ފުޅާކުރިއެވެ. ހަވަނަ ގޯލް ޖެހީވެސް ކެޕްޓަން އިންމިއެވެ.
އޭގެ އިރުކޮޅެއް ފަހުން ޕާކިސްތާނުންވެސް ގޯލެއް ޖެހިއެވެ. ކިކްއިންގައި ރަނގަޅު ރޫޓީންއަކަށް މަސައްކަތް ކޮށް އެޓީމުގެ ގޯލް ޖެހީ ނިސާރު ހުސައިންނެވެ.
އޭގެފަހުންވެސް ރާއްޖޭން ވަރަށް ރަނގަޅަށް ހިފަހައްޓަމުން ގޮސްފައިވާ އިރު، ނިމެން ހަތް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ހަތްވަނަ ގޯލެއްވެސް ޖެހިއެވެ. އެއީ ރީތި ޕާހަކުން ރަނގަޅަށް ކޮންޓްރޯލް ކޮށްލައި، ޑިފެންޑަރުވެސް ބީޓް ކޮށްލާފައި ބޯޅަ ގޯލަށް ޗިޕް ކޮށްލައިގެން އަބްދުﷲ ޝާފިއު (ޝާއްޕެ) ޖަހައިދިން ގޯލެކެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް