މިފެށުނު އައު އަހަރަކީ މުޅި ދުނިޔެ ކުރިއަށްވުރެވެސް ބޮޑަށް ބަނަވެ ނާމާންވެގެންދާނެ އަހަރެއްކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. އަހަރު ފެށިގެން އެންމެ ފުރަތަމަވެސް އިވުނު އަޑަކީ އެމެރިކާ ސިފައިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސް ޖަލުގައި ހައްޔަރު ކުރިކަމުގެ އަޑެވެ. އެއަށްފަހު ދެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނު ކުރެއްވީ ވެނެޒުއެލާގެ ވަގުތީ ރައީސަކީ ޚުދު ޓްރަމްޕު ކަމުގައެވެ. އެއަށްފަހު ދެން އިއުލާނު ކުރެެއްވީ ޑެންމާކުގެ ވެރިކަމުގެ ދަށުގައި އޮންނަ ގްރީންލެންޑު ހިފާނެކަމުގެ ވާހަކައެވެ. އެއަށްފަހު ދެން ކިއުބާއާއި ކޮލަމްބިއާގެ ވެރިކަން ބަދަލުކުރުމުގެ ވާހަކަވެސް ދައްކަވައިފިއެވެ. އެވަރަކުން އަދި ނުނިމެއެވެ. އީރާނަށް ހަމަލަދީ ކުޑަކަކޫ މައްޗަށް ގެނެސް އީރާނުގެ ވެރިކަމުގެ މުޅި ނިޒާމު އެމެރިކާ ބޭނުންވާ ގޮތަށް ބަދަލުކުރައްވާނަމޭވެސް ވިދާޅުވެއްޖެއެވެ.
މިއީ ދުނިޔޭގެ އެންމެ ބާރުގަދަ އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ ގައުމުކަމަށްވާ އެމެރިކާގެ ބަހާއި އަމަލު މިވަގުތު ހުރިގޮތެވެ. އެހެންވީމާ މިފެށުނު އައު އަހަރަކީ ސަހަލު މަގަކުންދާނޭ އަހަރެއް ކަމަށް ނުބެލެވެނީއެވެ. މިހާރު މިފެންނަނީ ޖަންގަލީގެ އުސޫލުތަކެވެ. ބާރުގަދަ ގައުމުތަކުން ބަލިކަށި ގައުމުތަކަށް ހިތުހުރި އެއްޗެއް ހަދަނީއެވެ. އދ.ގެ ބޭނުމެއް ނެތެވެ. ނަމެއްގައި އޮތް ޖަމިއްޔާއެކެވެ. މިހާރު ދުނިޔޭގައި އާއްމުވަމުންދާ ގޮށްމުށުގެ ބާރާމެދު ޗައިނާގެ ތަޖުރިބާކާރެއް ކަމުގައިވާ ވިކްޓަރ ގާއޯ ވިދާޅުވެފައިވަނީ މިފަދައިންނެވެ. އެމެރިކާއާއި ހުޅަނގުގެ ކޮންޓްރޯލް ނިމުމަކަށް އަންނަނީއެވެ. ގަދަބާރުން ނުހައްގު ގޮތުގައި ހިންގާ ކޮންމެ އުދުވާނަކުން އެމެރިކާގެ ނިމުން ކައިރިވަމުންދަނީއެވެ. ދުނިޔޭގައި މިހާރު އޮތީ އެމެރިކާގެ ބާރު އެކަންޏެއް ނޫނެވެ. އެ ހަގީގަތް ގަބޫލުކުރަން ދަތިވެގެން އެމެރިކާ ތެޅިފޮޅެނީއެވެ. ކޮންމެއަކަސް އެމެރިކާގެ މިހާރުގެ ހާލަތާމެދު މިފަދައިން ވިދާޅުވި ވިކްޓަރ ގާއޯއަކީ ޚާރިޖީ ކަންކަމުގައި ޗައިނާ ސަރުކާރަށް ލަފާދެއްވާ މުޝީރެކެވެ. އޭނާ ހާމަކުރައްވަނީ ޗައިނާގެ ރަސްމީ ރައުޔެވެ.
އެކިއެކި ގައުމުތަކާ ދެކޮޅަށް ރައީސް ޓްރަމްޕު ދެއްވަމުން ގެންދަވާ އިންޒާރުތަކުގެ ތެރެއިން މިވަގުތު ދުނިޔޭގެ އެންމެ ގިނަބަޔަކު ކަންބޮޑުވެ ހާސްވެފައިވަނީ އީރާނަށް ދެއްވަމުން ގެންދަވާ އިންޒާރުތަކުގެ ސަބަބުންނެވެ. މަސްރަހު މިހާރު އެއޮތީ ދެންމެ ދެންމެ ހުޅުފަޅައިގެންދާ ހިސާބުގައެވެ. އެމެރިކާއާއި އިޒްރޭލު އަޑީގައި ތިބެގެން އީރާނުގެ ތެރޭގައި ގަޑުބަޑު އުފައްދައި މުޅި އީރާން ހައިޖާނުކޮށްލައިފިއެވެ. ބޭނުމަކީ ވެރިކަން ވައްޓައިލުމެވެ. އެކަމަކު މިރޭވުން ކާމިޔާބުވާތީއެއް ނުފެނެއެވެ. ފެންނަ ފެނުމުގައި މި ހަމަނުޖެހުންތައް އީރާނުން ކޮންޓްރޯލްކޮށްފިއެވެ. ނުވަތަ ކުރަން ފަށައިފިއެވެ. ހަމަނުޖެހުންތަކަށް ހިތްވަރުދީ އަލިފާން ބުރުއްސުމަށް އެމެރިކާއިން ބޭނުންކުރި ޕްލެޓްފޯމުތައް އީރާނުން ބަންދުކޮށްލައިފިއެވެ. އީރާނުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ ގިނަ އޭޖެންޓުން ހައްޔަރުކޮށްފިއެވެ. ހުސްވި އަހަރުގެ ޖޫންމަހުގެ ތެރޭގައި އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލަދިން އިރަށްވުރެ އީރާނު މިހާރު އެއޮތީ އަސްކަރީގޮތުން މާ ފުރިހަމަ މަގާމެއްގައެވެ.
އެހެންވީމާ އެއިން ގައުމަކުން އިސްވެ އީރާނަށް ހަމަލައެއް ދީފިއްޔާ އޭގެ ރައްދު ވަރުގަދަވެފައި މާބޮޑަށްވެސް ނުރައްކާވާނެއެވެ. އެކަން އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ގަބޫލު ކުރެއެވެ. އީރާނަށް ހަމަލަދިނުމުގައި އަވަސްވެ ނުގަތުމަށް ރައީސް ޓްރަމްޕަށް އެމީހުން ދަނީ އިލްތިމާސް ކުރަމުންނެވެ. އެކަމަކު ޓްރަމްޕަކީ ޓްރަމްޕެވެ. ބަޔަކު އަދި ކޮންމެ ލަފަޔަކާއި މަޝްވަރާއެއް ދިނަސް އޭނާ އަމަލު ކުރައްވަނީ ކުރައްވާނެ ގޮތަކަށެވެ. އެމެރިކާއިން އީރާނަށް ހަމަލައެއް ދީފިނަމަ އޭގެ އަގު ވަރަށް ހިތިގޮތަކަށް އަދާކުރަން ޖެހޭނެކަމަށް ތަޖުރިބާކާރުން ބުންޏަސް އާޚިރުގައި އެމެރިކާއިން އަމަލުކުރާނީ ޓްރަމްޕު ބޭނުންފުޅުވާ ގޮތަކަށެވެ. ޓްރަމްޕު ތަބާވާކަމަށް ފެންނަނީ އެންމެ ފިކުރަކަށެވެ. އެފިކުރަކީ ޒަޔަނިސްޓް ފިކުރެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފިކުރެވެ. ކޮންމެއަކަސް އީރާނަކީ ވެނެޒުއެލާއެއް ނޫނެވެ. އަލީ ޚާމަނާއީއަކީ ނިކޮލަސް މަދޫރޯއެއްވެސް ނޫނެވެ. އެމެރިކާ ބޭނުންވާހާ ކަމެއް ކުރަން އީރާން ދޫކޮށްލުމަކީ އަމްދުން މިވަގުތު ޗައިނާ އާއި ރަޝިޔާއިން ކުރާނޭ ކަމެއްވެސް ނޫނެވެ.
ހުސްވި އަހަރުގެ ޖޫން ތޭރައިން ސައުވީހަށް އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ ދިފާއީ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މުޅިން އަލަށް ދިފާއީ މަޖިލީހޭ ކިޔުނު ޚާއްސަ މަޖިލީހެެއްވެސް ވަނީ އުފައްދައިފައެވެ. އަސްކަރީ ކަންކަން ކުރިއަށް ގެންދާނޭގޮތާއި ދިފާއީ ސިޔާސަތު ކަނޑައެޅުން މިހާރު އޮތީ މި މަޖިލީހަށެވެ. މިދެންނެވި މަޖިލީހުން ވަނީ ބަޔަކު އިސްވެ އީރާނަށް ހަމަލަދިނުމުގެ ކުރިން އެފަދަ ހަމަލައެއް އަންނާނެކަން ކަށަވަރުވާ ހިސާބުން އީރާނުން އިސްވެ އެބަޔަކަށް ހަމަލަދިނުމަށް ނިންމާފައެވެ. މާނަޔަކީ ކޮންމެހެން ހަމަލައެއް އަންނާނެ ކަމުގެ އިންތިޒާރުގައި ނޯވެ އެބަޔަކަށް އިސްވެ ހަމަލަ ދިނުމެވެ. އީރާނާ ދެކޮޅަށް ހަނގުރާމަކުރާ ބަޔަކަށް މާލީގޮތުންނާއި އެނޫން ގޮތްގޮތުންވެސް އެހީވާ ގައުމުތަކުގެ ތަންތަނަށް ހަމަލަދިނުންވެސް އީރާނުގެ އައު ސިޔާސަތުގެ ތެރޭގައި ހިމެނެއެވެ. އެހެންވީމާ އެމެރިކާއިން އީރާނަށް ހަމަލަދީފިނަމަ އެމެރިކާގެ ބައިވެރިންކަމުގައި ހިމެނޭ ހަމަކޮންމެ ބަޔަކާ ދެކޮޅަށްވެސް އީރާނުން ހަމަލަދޭނެއެވެ.
މިކަމުގައި ފަސްޖެހުމެއްވެސް ނޯންނާނެއެވެ. އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލައިފިނަމަ އަދި އަވަހާރަކޮށްލަން ހަމަލައެއް ދީފިނަމަ އީރާނުގެ ދަންނަބޭކަލުންގެ މަޖިލީހުން ޖިހާދެއް އިއުލާން ކުރާނެއެވެ. އިޒްރޭލާއި އެމެރިކާއާ ދެކޮޅަށެވެ. އެ ޖިހާދުގައި އީރާނަށް ލިބިގެންވާ ހުރިހާ ހަތިޔާރަކާއި ވަސީލަތެއްވެސް ބޭނުން ކުރާނެއެވެ. އިޒްރޭލޭ ކިޔުނު ދައުލަތް ވުޖޫދުންވެސް ފޮހެލެވެންދެން އެ ޖިހާދު ދަމަހައްޓާނެއެވެ. އައު ހަނގުރާމައެއްގައި މީގެކުރިން އީރާން ބޭނުންކޮށްފައިނުވާ އައު މިސައިލެއް ބޭނުންކުރަންވެސް ވަނީ ނިންމައިފައެވެ. އެއީ ޚޮރަމްމްޝަހަރު ހަތަރެެއް ނަމަކަށް ކިޔުނު މިސައިލެކެވެ. މިއީ ދޮޅުޓަނުގެ ވޯހެޑަކާއެކު ދެހާސް ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭ ހައިޕަރސޮނިކް މިސައިލެކެވެ. މި ވޯހެޑަކީ ވަކިހިސާބަކުން ބައިވަރު ވޯހެޑްތަކަށް ބަދަލުވެގެން ތަފާތު އެތައް އަމާޒަކަށް އެއްފަހަރާ ވާސިލްވާނޭހެން ފަރުމާކުރެވިފައިވާ ވަރަށް ޒަމާނީ ހަތިޔާރެކެވެ. މިކަހަލަ އެއްހާސް މިސައިލް މިހާރުވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ބިމުގެ ވަރަށް އަޑީގައިވާ ގުދަންތަކުގައެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން