އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ 5ޖީ ނެޓްވޯކުގެ ރާއްޖޭގެ 80 ޕަސަންޓަށް ފުޅާކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ 80 ޕަސަންޓް 5ޖީ ކަވަރޭޖުއާއެކު ރާއްޖޭގެ ޓެކްނޮލޮޖީގައި އެންމެ އުހުގައި އޮތީ އެ ކުންފުނި ކަމަށެވެ.

ރާއްޖޭގެ 80 ޕަސަންޓަށް 5ޖީ ފުޅާކުރެވިގެން ދިޔުމަކީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތައް އަދި މުޖުތަމައު ބާރުވެރިކުރުވުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށް އުރީދޫން ބުންޏެވެ.

އުރީދުން ބުނީ އެ ކުންފުނީގެ 5ޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އަލްޓްރާ ފާސްޓް ސްޕީޑް، ލޯ ލޭޓެންސީ އަދި ޒަމާނީ ޑިޖިޓަލް ލައިފްސްޓައިލް ސަޕޯޓްކުރާ ޕާފޯމަންސް ލިބިގެންދާނެ ކަމަށެވެ.

އަދި ހައި-ޑެފިނިޝަން ސްޓްރީމިންނާއި، އޮންލައިން ގޭމިން އިން ފެށިގެން ރިމޯޓް ވޯކް، ލާނިންގް، ކޮންޓެންޓް ކްރިއޭޝަން އަދި ސްމާޓް ހޯމް ސޮލިއުޝަންސް ފަދަ ހިދުމަތްތައް 5ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށެވެ.

އުރީދޫން ބުނީ 5ޖީ ނެޓްވޯކް ފުޅާކުރުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮތް ޑިމާންޑަށް ބަލައި، ގޭބިސީތަކާއި ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް އާ ފުރުސަތުތައް ހޯދައިދީ، އުފެއްދުންތެރިކަން އިތުރުކޮށް، މުއްސަނދި ޑިޖިޓަލް ތަޖުރިބާ އެއްވެސް ހުރަހެއް ނެތި ލިބިގެންދާނެކަމަށް އުރީދޫން ބުންޏެވެ.

މިއީ ޒަމާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހިދުމަތްތަކަށް ބޭނުންވާ ޓެކްނޮލޮޖީ ފަހިކޮށްދެވޭނެ ނެޓްވޯކެއްކަމަށް އުރީދޫން ބުންޏެވެ.

އުރީދޫއިން ބުނީ މިއީ ނެކްސްޓް ޖެނެރޭޝަން އިންފްރާސްޓްރަކްޗާއަށް ކުރަމުންދާ އިންވެސްޓްމަންޓާއި، މުސްތަގުބަލަށް ތައްޔާރު ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރު ރަމްޒުކޮށްދޭ ލަނޑުދަނޑިއެއް ކަމަށެވެ.

މި ނެޓްވޯކް އިތުރަށް ފުޅާވަމުން ދާއިރު، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އުފެއްދުންތައް ކަސްޓަމަރުންނާ ގާތްކޮށްދީ، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަ ގުޅުންތަކެއް ފަހިކޮށްދިނުމަށްކަމަށް އުރީދޫން ބުންޏެވެ.