ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުތަކާ ގުޅޭގޮތުން ރިޝްވަތުގެ އެއްވެސް މުއާމަލާތެއް ހިންގާ ނަމަ، އަވަހަށް ރިޕޯޓް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސް ކޮށްފިއެވެ.

އޭސީސީން މިކަމަށް އިލްތިމާސްކޮށްފައި ވަނީ މި ދުވަސްވަރަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދުވަސްވަރުކަމުން ކެނޑިޑޭޓުން ތާއީދު ހޯދުމަށް ހިންގަފާނެ ރިޝްވަތުގެ އަމަލުތަކަށް ސަމާލުވުމަށް އެދި ނެރުނު ބަޔާނެއްގައެވެ.

އޭސީސީން ބުނީ ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން، ކައުންސިލް އިންތިހާބުގައި ތާއީދު ހޯދުމަށް ކެނޑިޑޭޓުން މިދުވަސް ވަރު މަސައްކަތް ކުރަމުން ގެންދާއިރު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފި ނަމަ، އެފަދަ ހުށަހެޅުމެއްގެ މައުލޫމާތު ކޮމިޝަނަށް ފޯރުކޮށްދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

"މީގެ އިތުރުންވެސް ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕޭން ކުރަމުންދާ ފަރާތްތަކުން ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް (ނާޖާއިޒު ފައިދާ ހޯދުން ނުވަތަ ހޯދައިދިނުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުން، އަމިއްލަ ފައިދާ ލިބޭގޮތަށް ދައުލަތުގެ ތަކެތި ބޭނުންކުރުން) ހިންގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، ލަސްނުކޮށް މި ކޮމިޝަނަށް ރިޕޯޓްކޮށްދެއްވުން އެދެން،" ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.

އެ މައްސަލަތައް ތަހުގީގު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް އޭސީސީން ބުންޏެވެ.