ރިޝްވަތުގެ މުއާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަގާމުތަކަށް އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ބައެއް ކަަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނީ މި ދުވަސް ވަރަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ދުވަސްވަރުކަމުން ކެނޑިޑޭޓުން ތާއީދު ހޯދުމަށް ހިންގަފާނެ ރިޝްވަތުގެ އަމަލުތަކަށް ސަމާލުވުމަށް އެދި ނެރުނު ބަޔާނެއްގައެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި، ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވުމަށް އެ ބަޔާނުގައި އޭސީސީން ވަނީ އެދިފައެވެ. އަދި އާންމު އިންތިހާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތުމަށް ހާއްސަ ސަމާލުކަން ދޭންޖެހޭކަމަށްވަނީ ބުނެފައެވެ.

އޭސީސީން ބުނީ ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށާއި، ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ.

"މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް. އެހެންކަމުން އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެއް. މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމައަށް ނުހަނު ގެއްލުން ބޮޑު ކަމެއް" އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ހަގީގީ ބާރުވެރިކަމާއި، މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށެވެ.

މިފަދަ އިންތިހާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި، އަދި ދާއިރާއާއި، ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ހަވާލުކުރާނެ ހަރުދަނާ ގާބިލު ބަޔަކު ކަނޑައެޅުންކަމަށް އޭސީސީން ބުންޏެވެ.

އެގޮތުން ރިޝްވަތުގެ މުއާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަގާމުތަކަށް އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ބައެއް ކަމަށް އޭސީސީން ބުންޏެވެ.