އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ބްރައިޓަން ކައިރިން ބަލިވުމުން މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.

މިފަހަރުގެ އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕުގެވެސް ފުރަތަމަ ބުރުން ޔުނައިޓެޑް ކަޓާފައިވާ އިރު، ޔުނައިޓެޑުން އެންމެފަހުން އެހާ އަވަހަށް އެ ދެމުބާރާތުން ކެޓީ މީގެ 44 އަހަރު ކުރިންނެވެ. އެއާއެކު މި ސީޒަނުގައި ޔުނައިޓެޑުން ދެން ކުޅެން ޖެހޭނީ އެންމެ 40 މެޗެވެ. އެއީ ޔޫރަޕަށްވެސް ކޮލިފައި ނުވާތީއެވެ. މިއީ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ޔުނައިޓެޑުން ސީޒަނެއްގައި އެންމެ މަދުން މެޗުން ކުޅެން ޖެހޭ ފަހަރެވެ.

ޑެރެން ފްލެޗާގެ ކޯޗުކަމުގައި ޔުނައިޓެޑުން ރޭގެ މެޗަށް ނުކުމެފައިވާ އިރު، ބްރައިޓަންއިން ގޯލް ޖެހީ ބްރާޖަން ގްރޫޑާއެވެ. އޭނާ ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލްގެ މަތީ ދާގަނޑަށެވެ.

އޭގެފަހުން ދެވަނަ ހާފުގައި ޑެނީ ވެލްބެކް، ބްރައިޓަންއަށް ގޯލް ޖަހައިދީފައިވާ އިރު، މެޗު ނިމެން ދަނިކޮށް ބެންޖަމިން ޝެސްކޯ ޖެހި ގޯލާއެކު ޔުނައިޓެޑުން ވަނީ އުންމީދު ހޯދައިފައެވެ. އެ ގޯލާއެކު އުންމީދެއް ހޯދި ނަމަވެސް، ޔުނައިޓެޑަށް މެޗު އަނބުރާލެވޭ ގޮތެއް ނުވިއެވެ.

އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި އާސެނަލުން ރަށުން ބޭރުގައި ރޭ ޕޯޓްސްމައުތު ކައިރިން 4-1 އިން މޮޅުވި އިރު، އެމެޗުގައި އާސެނަލްގެ ގެބްރިއަލް މާޓިނެލީ ވަނީ ހެޓްރިކް ހަދައިފައެވެ.

އާސެނަލްގެ އަނެއް ގޯލަކީ ޕޯޓްސްމައުތުގެ އަންދްރޭ ޑޮޒެލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޕޯޓްސްމައުތުގެ ހަމައެކަނި ގޯލް ޖެހީ ކޮލްބީ ބިޝޮޕެވެ.