ކުޅިވަރުގެ ތެރެއިން ދިމާވާ އިދާރީ މައްސަލަތައް ހައްލުކުރަން ވިސްނައިގެން އެކަމަށްޓަކައި މިދިޔަ އަހަރުވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެކަމަށް މިއަހަރުވެސް މޯލްޑިވްސް ކޮމިޓީ (އެމްއޯސީ)ގެ ފޯކަސް ބަހައްޓާނެ ކަމަށް އެ އިދާރާގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާގެ މައްސަލަތަކާއި އެހެނިހެން ބައެއް ހިންގުމުގެ މައްސަލަތައް ދިމާވުމާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ކުޅިވަރުގެ ހިންގުމުގައި މިދިޔަ އަހަރުތަކުގައި ބައެއް މައްސަލަތައް ދިމާވިތަން ފެނުނު ކަމަށާއި، އެކަންކަން ހައްލުކުރުމަށް ވަރަށް ބޮޑަށް ފޯކަސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވީ އެތުލީޓުންގެ ކުރިއެރުމަށް އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުން އެއީ ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ.

"އެސޯސިއޭޝަންތަކުގެ މެނޭޖުމަންޓްގެ ކަންކަން ހަރުދަނާ ކުރުން އެއީ ވަރަށް ބޮޑަށް އިސްކަމެއް ދޭކަމެއް. އޭގެ ތެރޭގައި ބަޖެޓްގެ ކަންތައްވެސް ހިމެނޭނެ. މެނޭޖުމަންޓް ހަރުދަނާ ވެގެން ނޫނީ އެތުލީޓުންނާއި އެސޯސިއޭޝަންގެ ކުރިއެރުމެއްވެސް ނާންނާނެ. އެކަމަށް ވަރަށް ބޮޑަށް މިދިޔަ އަހަރުވެސް ސަމާލުކަންދީ ފޯކަސް ކުރާނަން. މިދިޔަ އަހަރުވެސް އެކަމަށް ފޯކަސް ކުރެވުނު،" ސައްތާރު ވިދާޅުވިއެވެ.

ސައްތާރު އިތުރަށް ވިދާޅުވީ ބަޖެޓާ ގުޅުން ހުރި ކަންކަން ރަނގަޅު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށާއި، އެކަންކަމަށް ބޮޑަށް ވިސްނުން ގެންގުޅޭނަމަ، ކުޅިވަރުގެ ހިންގުން ދޯހަޅި ވެގެން ދިޔަ ނުދޭން އަޅަން ޖެހޭ ފިޔަވަޅުތައް ފަސޭހައިން އެޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސައްތާރު ފާހަގަކުރެއްވީ ކުޅިވަރު އާގާނޫނުގެ ތެރެއިންވެސް އެކަންކަމަށް ހައްލު ހޯދަން ހަދަން ޖެހޭ ބައެއް ގަވާއިދުތަކަށް މިއަހަރު ފޯކަސް ކުރައްވާނެ ކަމަށެވެ.

"އަލަށް މިއައި ކުޅިވަރުގެ ގާނޫނުގެ ތެރެއިންވެސް އާރް13 ގެ ދަށުންވެސް ގަވާއިދުތަކެއް ހަދަން ޖެހޭ. އެކަމުގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެ، ސްޕޯޓްސް މިނިސްޓްރީންވެސް އެސޯސިއޭޝަންތަކަށް ފޮނުވަން ތައްޔާރުވެފައި އޮތީ،" ސައްތާރު ވިދާޅުވިއެވެ.

އެ ވާހަކައިގެ ތެރެއިން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު ފާހަގަކުރެއްވީ މިދިޔަ އަހަރު ތެރޭގައި ހައްލު ގެނެވުނު ދެ އެސޯސިއޭޝަން ކަމަށްވާ ފުޓުބޯޅަ އިދާރާއި ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލައިގަވެސް އެމްއޯސީން ބޮޑު ރޯލެއް އަދާކުރަން ޖެހުނު ކަމަށާއި، ބައިނަލްއަގުވާމީ ފެޑަރޭޝަންތަކާ މަޝްވަރާ ކުރުމަށް އެމްއޯސީ މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ.

ތަމޫހު ފާހަގަކުރެއްވީ ސަރުކާރުން ސީދާ އެސޯސިއޭޝަންތަކުގެ ހިންގުމުގެ ތެރެއަށް ނުވަދެ މައްސަލަ ހައްލުކުރުމަށް އެމްއޯސީ އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ މަސައްކަތްތަކަކީ ކުޅިވަރުގެ ކުރިއެރުމަށް އަބަދުވެސް ކުރާނެ މަސައްކަތްތަކެއް ކަމަށާއި، އަބަދުވެސް އެމްއޯސީގެ މަޝްވަރާގެ ދޮރު ހުޅުވިފައި އޮންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

18 ސެޕްޓެމްބަރު 2025، ހުރާ، އޭޝިއަން ގޭމްސް ފަން ރަންގެ އިވެންޓްތަކަށް ބޭއްވި ހާއްސަ ޕްރެސްގެ ތެރެއިން ތަމޫހު --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ސައްތާރު ވާހަކަ ދައްކަވަމުން އިތުރަށް ފާހަގަކުރެއްވީ އެމްއޯސީގެ ދެވަނަ ދައުރަކަށް އޭނާ އިންތިހާބުވުމުގެ އެންމެ ބޮޑު ސިއްރަކީ އެސޯސިއޭޝަންތަކުން ކުރި އިތުބާރު ކަމަށާއި، އެ އިތުބާރު ބިނާވީ އެމްއޯސީގެ ހިންގުމަށް ގެނެވިފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

އެއާއެކު ސައްތާރު ވިދާޅުވީ ކުޅިވަރުގެ ކުރިއެރުމަށް އެސޯސިއޭޝަންތަކުގެ ހިންގުންތެރިން، އެ ކުޅިވަރަކަށް ލޯބިކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް މިހާރުވެސް ކާމިޔާބުކަމާއެކު ފެނިގެންދާ އެސޯސިއޭޝަންތަކުން ފެންނަނީ "ޕެޝަން" ހުރި ހިންގުންތެރިންގެ ވިސްނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.