ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ބުރުން ވެލެންސިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބުރު މިވަގުތު އޮތީ ހަތަރު ވަނައިގައެވެ. އެއީ 14 މެޗުން 26 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވެ ވެލެންސިއާއިން 14 މެޗުން އަށް ޕޮއިންޓާއެކު ނުވަ ވަނައިގައި އޮތް އިރު، ފަސްވަނައިގައި އޮތް ކްލަބު އީގަލްސްއަށް 14 މެޗުން 22 ޕޮއިންޓް ލިބިފައިވެއެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވެލެންސިއާއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ވެލެންސިއާގެ ގޯލް ޖެހީ ހަސަން ނަވާޒެވެ. އޭނާ ގޯލް ޖެހީ އީތަން އިބްރާހިމް ޒަކީ ނަގައިދިން ހިލޭ ޖެހުމަކުންނެވެ.
އޭގެ ތިން މިނެޓްފަހުން ބުރުން އެއްވަރު ކޮށްފައިވާ އިރު، 30 ވަނަ މިނެޓުގައި އެޓީމުން ގޯލް ޖެހީ ޕެނަލްޓީއެއްގައެވެ. ވެލެންސިއާ ޑިފެންޑަރު މަތިއަސް އަޕެލްޓް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ބުރަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނާއިމެވެ.
ބުރުން އިރުކޮޅެއްގެ ތެރޭގައި މެޗު އަނބުރާވެސް ލިއެވެ. އެ ގޯލް ޖަހައިދިނީ ސެނެގާލްގެ މިޑްފީލްޑަރު ޑިއަވަންޑޫ ޑިއާނޭއެވެ. ޑިއާނޭއަކީ ކުރިން ބާސާގެ ބީ ޓީމަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާގެ އިތުރު ގޯލެއްވެސް ދެވަނަ ހާފުގައި ފެނިފައިވާ އިރު، ބުރުގެ ހަތަރު ވަނަ ގޯލް ޖަހައިދިނީ ބަދަލަކަށް ނުކުތް އަބްދުﷲ ޔާމީން (ޔާނު) އެވެ. ހާފުގެ މެދެއްހާ ހިސާބުން ޔާނު ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު