އިންތިހާބުތަކުގައި ވޯޓުލުމާއި، ވޯޓުގުނުން ޑިޖިޓަލައިޒް ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ބައެއް ކަންކަން ޑިޖިޓަލައިޒްކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބައެއް ކަންކަން ކުރިއަށް ގެންދަނީ މީގެ ކުރީގެ އިންތިހާބުތަކުގައިވެސް ކުރިއަށް ގެންދިޔަ ގޮތަށް ކަމަށެވެ.
"މިސާލަކަށް ވޯޓުލުމާއި، ވޯޓު ގުނުމާއި، ވޯޓުގެ ނަތީޖާއާއި ވޯޓުގެ ނަތީޖާއާ ގުޅިގެން އަންނަ ކަންތައްތަކާއި މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ޑިޖިޓަލައިޒެއް ނުކުރާނެ. އެކަން ކުރާނީ ހަމަ ފިޒިކަލްކޮށް މާޒީގައިވެސް އަޅުގަނޑުމެން ކުރަމުން އައި ގޮތަށް،" ޒާހިދު ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ވޯޓުލުމާއި، ވޯޓު ގުނުން ޑިޖިޓަލައިޒްކުރަންޖެހޭ ފަދަ ހާލަތެއް އައިސްދާނެކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"އެޔަށް އެއްވެސް ބަދަލެއް ނުގެންނާނެ ވާހަކަ އަޅުގަނޑު ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް. އެ ބަދަލު އަންނާނެ އެއްވެސް ހާލަތެއް އިލެކްޝަން ކޮމިޝަނަށް ކުރިމަތިވާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެން ވިޔަސް ވެސް އަޅުގަނޑުމެން އެކަން ނުކުރާނަން." ޒާހިދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ވީހާވެސް އޮމާންކޮށް އަދި ނުފޫޒުން އެއްކިބާފައިވެފައިވާ އިންތިހާބެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ބައެއް ފޮށިތަކަށް 70 ވަރަަކަށް ދާއިރާގެ ވޯޓު ކަރުދާސް ލާނެ ކަމަށާއި، އެހެންވެ އީސީން ދަނީ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އިންތިހާބުގައި އީސީގެ 7،000 ވަރަކަށް އޮފިޝަލުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތެރިވާނެކަމަށް ޒާހިދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން