މިފްކޯއިން ހިންގާ ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެއުމަށްފަހު އެތަނުން ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފަށައިފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކަނޑުއޮތްގިރީގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝިޔާމް ވިދާޅުވީ ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފަށައިފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ. ޝިޔާމް ވިދާޅުވީ އެ އަގަށް ކަންނެލި ކިލޯއެއް ގަތުމަށް ފެށުމަކީ މަސްވެރި ސިނާއަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އިއްޔެެއަކީ ރަސްމީކޮށް މިފްކޯއަށް ބޮޑު ކަންނެލި ކިލޯއަކަށް 25 ރުފިޔާގެ މަގުން ގަންނަން މި ފެށުނީ. މިއީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ފެށުމެއް،" ޝިޔާމް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރު ވިދާޅުވީ ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނައުމަށްފަހު، މަސްވެރިންނަށް ހިދުމަތް ދިނުމަށް މިފްކޯއިންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

"މިހާރު ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް ބޮޑު ކަންނެލި މަސްވެރިންގެ އަތުން މަސް ގަންނަން މި ފެށީ. އެގޮތުން 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން މި ކަނޑުއޮތްގިރިންނާއި، މި ސަރަަހައްދުން މަސްވެރިންގެ އަތުން ކަންނެލި ގަންނަމުންދާނަން" ފަރުހަތު ވިދާޅުވިއެވެ،

އޭނާ ވިދާޅުވީ ކަނޑުއޮތްގިރިން މިހާރު ކަޅުބިލަމަސްވެސް ގަންނަން ފަށައިފައިވާ ކަމަށެވެ.