އުމްރާ ދަތުރުވެރިންގެ ދެވަނަ ގްރޫޕު މިރޭ ރާއްޖެއަށް އެނބުރި އަންނާނެ ކަމަށް މޯލްޑިވްސް ހައްޖު ކޯޕްރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕްރޭޝަނުން ބުނީ މި އަހަރު އުމްރާގެ އަޅުކަން އަދާކުރަން ދިޔަ އުމްރާވެރިންގެ ދެވަނަ ގްރޫޕް މިރޭ 22:05 ގައި ރާއްޖެއައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ޑިސެމްބަރު މަހުގެ ފުރަތަމަ އުމްރާގެ ފްލައިޓް ރާއްޖެ އައިސްފައިވަނީ ރޭ 11:30 ގައި. ދެވަނަ ފްލައިޓް ރާއްޖެ އަންނާނީ މިރޭ 10:05 ގައި. ރޭގެ 223 އުމްރާގެ ހައްޖާޖީން ސަލާމަތްކަމާއެކު ރާއްޖެ އައިސްފައިވާއިރު، އެންމެންގެ ހާލުވެސް ރަނގަޅު." ހައްޖު ކޯޕްރޭޝަނުން ބުންޏެވެ.

މި ހުރިހާ މީހުން ދަތުރު ކުރަނީ މޯލްޑިވިއަންގެ ފްލައިޓުތަކުގަ އެވެ. އުމްރާވެރިންގެ ތިން ވަނަ ގްރޫޕު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ 13:45 ގައެވެ.

ސްކޫލު ޗުއްޓީއާ ދިމާކޮށް ރާއްޖެއިން 7000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ވިދާޅުވީ މިމަހުގެ ހަ ވަނަދުވަހުގެ ރޭގައެވެ.

"7 ހާހަށް ވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްފައިވާއިރު، ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވޭ. އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާ ގުޅިގެން މިދަނީ ކުރަމުން. އިންޝާ ﷲ ބަލިމީހާ މި މަހު 10 ގައި މާލެ ގެނެވޭނެ. މިކަމުގައި މޯލްޑިވިއަންނާއި އައިޖީއެމްއެޗުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން." ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި އާންމުކޮށް ގިނަ ބަޔަކު އުމްރާއަށް ދަނީ، ސްކޫލު ބަންދުދުވަސްތަކާ ދިމާކޮށެވެ.