މޮރޮކޯގައި ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލްތަކުން މޮޅުވެ، ނައިޖީރިއާއައި މިސްރުން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މިފަހަރުގެ އެފްކޯންގައި ވާދަވެރި މެޗުތަކެއް ފެންނަމުން އަންނަ އިރު، ސެމީގެ ފަހު ދެ ޖާގައަށް ރޭވެސް ފެނުނީ ރަނގަޅު ކުއާޓާ ފައިނަލް މެޗުތަކެކެވެ. ނައިޖީރިއާއިން އަލްޖީރިއާ ކައިރިން 2-0 އިން މޮޅުވި އިރު، އެ މެޗުގައި ޖެހި ދެ ގޯލަކީ މިހާތަނަށް މުބާރާތުގައި އަލްޖީރިއާ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
މެޗުގެ ކުރީކޮޅުން ފެށިގެންވެސް ނައިޖީރިއާއިން ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި އަކޯރް އެޑަމްސްއާއި ވިކްޓޯ އޮސެމިން އަދި ކަލްވިން ބައްސޭގެ ހަމަލާތައް ފެނިގެ ދިޔައެވެ. ބައްސޭ ފޮނުވާލި ބޯޅަ ގޯލްގެ ރޮނގު ހުރަސް ނުކުރާކަން ޔަގީންކުރުމަށް ރެފްރީއަށް ބަލަން ޖެހުނީ ވީއޭއާރެވެ. އެއީ ގޯލް ލައިން ޓެކްނޮލޮޖީ ބޭނުން ނުކުރާތީއެވެ.
އަލްޖީރިއާއިން ކޮޅު ހިފަހައްޓަން ކުރި މަސައްކަތް ނާކާމިޔާބުވީ ދެވަނަ ހާފުގެ 84 ވަނަ ސިކުންތުގައި އެޓީމު ކޮޅަށް ޖެހި ގޯލުންނެވެ. އޮސިމެން ބޮލުން ޖެހި އެ ގޯލާއެކު ނައިޖީރިއާ ލީޑު ނެގި އިރު، ދެވަނަ ގޯލް ޖެހީ އެޑަމްސްއެވެ.
ލިވަޕޫލްގެ މުހައްމަދު ސަލާހާއި މިސްރުން ސެމީ ޔަގީންކުރީ އެންމެފަހުގެ ޗެމްޕިއަން އައިވޮރީ ކޯސްޓް ކައިރިން 3-2 އިން މޮޅުވެގެންނެވެ.
މި މެޗުގައި މިސްރުގެ އޮމަރް މަރްމޫޝްއާއި ރަމީ ރާބިއާ ގޯލެއް ޖަހާފައި ވަނިކޮށް، އަހުމަދު އަބޫ އަލް ފަތޫ އަތުން ބައިކޮޅަށް ވަން ގޯލަކުން ފަރަގު ކުޑަވިއެވެ.
އޭގެފަހުން ސަލާހްގެ ގޯލެއް ފެނުނު އިރު، އައިވޮރީ ކޯސްޓުން ފަހުންވެސް ޕްރެޝަރު ބޮޑުކުރިއެވެ. އެގޮތުން ގުއޭލާ ޑޫއޯގެ ގޯލަކާއެކު ފަހުކޮޅު ބާރު ބޮޑުކޮށް ދިޔަ ނަމަވެސް، މިސްރުން ހިފަހައްޓާލިއެވެ.
އެފްކޯންގެ ސެމީގައި ނައިޖީރިއާ ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އަދި ސެނެގާލުން މިސްރާ ދެކޮޅަށް ނުކުންނަ އިރު، މެޗުތައް އޮންނާނީ މިމަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ.
މުޙައްމަދު ޝަމްޢޫން
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން